
”މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443“ ގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ހުޅުވާލައިފި
ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށް، އެމަސް ފާހަގަ ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ ”މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443“ ގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނު ކޮށްފިއެވެ.
އެކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތާއި އެއްގޮތަށް މަދަހަ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ގުރޫޕް އާއި ޖޫނިއަރ ގުރޫޕެވެ. އެގޮތުން ޖޫނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 13 އަހަރުން ދަށް
ސީނިއަރ ގްރޫޕްގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ:-
- 13 އަހަރުން މަތި
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ކަނޑައެޅިފައިވާ އުމުރަށެވެ.
މިމުބާރާތުގައި ކޮންމެ އުމުރުފުރަ އަކުން ވެސް ވަނަ ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ އުމުރުފުރަ އަކުން ވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުން ވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މަދަހަ މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ވަނަ ވަނައަށް ހޮވޭ ދަރިވަރުންނަށް ސެޓިފިކެޓާއި ޓްރޮފީގެ އިތުރުން ފައިސާގެ އިނާމްތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވަނަ ވަނައަށް ހޮވޭ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމު ތަކަކީ:-
ކޮންމެ އުމުރުފުރަ އަކުން
- 1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުޅިމުބާރާތުން
- 1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މި މުބާރާތާއި ބެހޭއުޞޫލާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށެވެ.
މި މުބާރާތުގައި ބައިވެރި ވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 މާރޗް 2022 ގެ 2:00 ގެ ކުރިންނެވެ.