
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގެ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހާމަ ކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.ޑޯންލައިޓްހައުސް 5 ވަނަ ފަންގިފިލާގައެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު ހެނދުނު 06:12 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ހުޑާއި ކަބަޑުގައި އަލިފާން ރޯވެގެން ކަމަށް އެމް.އެން.ޑީ.އެފް އިން މަޢުލޫމާތު ދީފައިވެއެވެ. އެފްއާރްއެސްގެ ސިފައިން 06:15 ހާއިރު އެ ގެއަށް ދިޔައިރު އެގޭގެ މީހުން ވަނީ ތެއް ތުވާޔެއް ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވާލާފައި ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެގޭގެ ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން، އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވި ނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް އެމް.އެން.ޑީ.އެފްއިން ވަނީ ހާމަކޮށްފައެވެ.