
އެކްސިޑެންޓް ވުމުން އެމް.ޓީ.ސީ.ސީއިން ދެއްކީ އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާއެއް
ހުޅުމާލެ ބްރިޖްގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އެންމެ އެހީތެރިކަން ފޯރުކޮށްދިނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މުވައްޒަފުންގެ ފަރާތުންނެވެ.
މިކަން ހާމަކޮށް އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި އެކަކު ކަމުގައިވާ މުއާޒް ހަލީމް، އެމް.ޓީ،ސީ،ސީ ޓެގުކޮށް ލިޔުނު ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއާއި އޭނާގެ އަންހެނުން ބްރިޖް މަތިން ހުޅުމާލެއަށް ދަނިކޮށް ސައިކަލުން ވެއްޓި އެކްސިޑެންޓު ވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގެ ސަބަބުން އަންހެނުންގެ ބޯ ފަޅައިގެންގޮސް، އޭނާއަށް ވެސް އެކިވަރުގެ އަނިޔާ ލިބުނު ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން ދެމީހުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.
އެކްސިޑެންޓުވި ވަގުތު އެންމެ ކައިރީގައި އޮތީ އެމް.ޓީ.ސީ.ސީގެ ބަހެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ބަހަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު ހަޤީޤަތުގައި ބަހުގައި ތިބި މުވައްޒަފުން ކޮންމެހެން އެހީތެރިވެދޭން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް އެވަގުތު ބަހުގައި ތިބި މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ބަހުގެ ޑްރައިވަރާއި ކޮންޑަކްޓަރު، އަދި އެވަގުތު ބަހުގައި ތިބި ހުރިހާ މުވައްޒަފުން ބަހުގައި ހުންނަ ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސް އެމީހުންނަށް އެހީތެރިވެދިން ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ކުރުމަށް ހުޅުމާލެއަށް ގެންދިޔައީވެސް އެމް.ޓީ.ސީ.ސީގެ ވޭނެއްގައި ކަމަށާއި، ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލުމާއި ހަމައަށް ވެސް އެކުންފުނީގެ އިތުރު މުވައްޒަފުން އައިސް ހާލުބަލަައި، އެއްވެސް ކަމަކުން އެހީތެރިކަމެއް ބޭނުންތޯ އަހާފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކުންފުނީގެ ޖެނެރަލް މެނޭޖަރާޢި އެޗް.އޯޑީއަކާއި ސުޕަވައިޒަރ ލެވެލްގެ ބޭފުޅަކުވެސް ހޮސްޕިޓަލްގައި މަޑުކުރައްވާފައިވެވެ.
ވާރޭވެހި ބްރިޖް ތެމިފައި ހުރުމުގެ ސަބަބުން ދިމާވި މި އެކްސިޑެންޓުގައި އެމް.ޓީ.ސީ.ސީގެ މުވައްޒަފުންގެ ފަރާތުން ދެއްކި ކުލުނާއި އޯގާތެރިކަމަށް އޭނާ ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. ކޮންމެއަކަސް މިފަދަ ދަނޑިވަޅެއްގައި އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން މިވަނީ މިސާލުދައްކައި، އެފަދަ ހާލަތެއްގައި ކަންތައްކުރަންވީ އެންމެ ރިވެތި ސިފަ އެންމެ ފުރިހަމަ ގޮތުގައި ދައްކައިދީފައެވެ.