ޚަބަރު ފީތާ

ސަވާދީއްތަ ދަތުރަށް އާރުކާޓީން ތަމްރީން ޕްރޮގްރާމު ފެށިއްޖެ

މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އާރުކާޓީން (ލޯކަލް ޓުއަރ ގައިޑް) ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވަނީ ފެށިފައެވެ. 10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، މިދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށްރަށުގެ އާޘާރުތަކާއި އަދި ރަށާއިބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމުގެ މަގްސަދުގަ އެވެ.

މި ތަމްރީން ޕްރޮގްރާމް އިފްތިތާހު ކުރައްވާފައިވަނީ 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 08:00 ގައި ވާރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި،  މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން އޮނަރަބްލް ޑރ. އިބްރާހިމް ހަސަން އެވެ. އަދި މި ތަމްރީން ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، 12 ރަށަކުން 28 ބައިވެރިންނާއިއެކު، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.

އާރުކާޓީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ އެމްއައިޓީޑީސީ އިން އިސްނަގައިގެން، އެފަރާތުގެ އެދިލެއްވުމަކަށް، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ކޯސް ފަރުމާކުރެވިފައިވަނީ އެމްއައިޓީޑީސީ އިން ކުރިޔަށް ގެންދާ ސަވާދީއްތަ ދަތުރުގައި ބަނދަރުކުރެވޭ ރަށްރަށަށް ޒިޔާރަތް ކުރައްވާ ފަތުރުވެރިންނަށް، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެ ކެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން، 3 ހަފްތާއަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުގެ ރަށްތަކުން ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގައި، ރާއްޖޭގެ ޤައުމީ ބަތަލު މުޙައްމަދު ތަކުރުފާނުގެ ދިރިއުޅުއްވުމާއި ގުޅުންހުރި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން އަލްފާޟިލް ޑރ. އިބްރާހިމް ހަސަން ދެއްކެވި ވާހަކަފުޅުގައި، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މިފަދަ މުޙިއްމު ތަމްރީނު ޕްރޮގްރާމެއް ފެއްޓެވީތީ އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ރަށްރަށުގައި ފަތުރުވެރިކަން އާލާވެގެން އަންނައިރު، ނުހަނު މުޙިއްމު އަދި ބޭނުންތެރި ތަމްރީނެއްކަމަށާއި، ފަތުރުވެރިންނަށް ޞައްހަ މައުލޫމާތުދީ، އަދި އެފަރާތްތައް ހިތްހަމަޖެހޭފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

މީގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްގެ އެންމެހާ ބައިވެރިންވެސް، ތަމްރީނު ފުރިހަމަކުރުމަށްފަހުވެސް އިތުރު ހަރުފަތަކަށް ދިޔުމަށްޓަކައި، މޯލްޑިވްސް ޕޮލިޓެކްނިކް ގެ ފަރާތުން ހިންގާ ސެޓްފިކެޓް 3 ލެވެލް ގެ ލޯކަލް ގައިޑް ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރު ދެއްވާ، ކުރިމަގުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ތަމްރީނު ލިބިފައިވާ އާރުކާޓީން ތިބުމުގެ މުޙިއްމުކަމާއި، މިފަދަ އާރުކާޓީންނަކީ ފަތުރުވެރިންގެ ކުރިމަތީގައި ދިވެހިރާއްޖެ ތަމްޞީލުކުރާނެ، ރާއްޖޭގެ އެމްބެސެޑަރުންކަމަށާއި، މިއީ ޒުވާނުން ވަޒީފާގެ މައިދާނަށް ނިކުމެ ބާރުވެރިކުރުވުމަށް އޮތް ފަހި ފުރުޞަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ ހަމަ ފެށުމެއްކަމަށާއި، އެމްއައިޓީޑީސީއަކީ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏަކަށްވީހިނދު؛ އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މުޅި ރާއްޖެެއަށް ލޯކަލް ޓޫރިޒަމް އާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް އެދިވަޑައިގެންނެވި އެވެ.

މި ހަފްލާގައި އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ރާއިދު ދެއްކެވި ވާހަކަފުޅުގައި، ސަވާދީއްތަ ދަތުރުގެ ރަސްމީ “ޓްރޭނިންގ ޕާޓްނަރު” ގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ހަމަޖެހިފައިވާކަމަށާއި، މިއީ ރަށްރަށުގައި ތިބި ޒުވާނުން އެކިއެކި ފަންނުތަކުން ތަމްރީނުވެ، ކުރިއަށް ދިޔުމަށް ހުޅުވިގެންދިޔަ އިތުރު ދޮރުތަކެއްކަމަށާއި، އެކަމަށްޓަކައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގެ ސީއީއޯ އަހުމަދު ނާސިރުއަށް އިޚްލާސްތެރި ޝުކުުރެއް އަދާކުރެއްވި އެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ކަލްޗަރަލް ޓޫރިޒަމް ތަޢާރަފްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ފަރުމާކުރެވިގެން ކުރިއަށްދާ ޔޮޓް ރެލީއެއްކަމަށާއި، މިދަތުރަށް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ޔޮޓް ރެލީގެ މަޤްބޫލުކަމާއި އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވާކަންވެސް ރާއިދު ފާހަގަކުރެއްވި އެވެ.

މިތަމްރީނު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

މިރެލީގެ ރަސްމީ ވެބްސައިޓް: www.maldivesyachtrally.com

Like
Like Love Haha Wow Sad Angry
%d bloggers like this: