
ދަރިފުޅު ޖަލުން ސަލާމަތް ވުމުން ޝާހްރުކް ޚާން ޝުކުރު އަދާކުރަން ބޭނުންވަނީ ޝިރުކު ކޮށްގެން
މުމްބާއި/އިންޑިއާ (31 އޮކްޓޯބަރ) – މިމަސްތެރޭގައި އިންޑިޔާ އަދި ރާއްޖޭގައި ވެސް އެންމެ ހިނގާ ޚަބަރަކަށް ވީ ބޮލީވުޑްގެ ސުޕަސްޓާރ ޝަހްރުކް ޚާންގެ ފިރިހެން ދަރިފުޅު އާރްޔަން ޚާން ޑްރަގްގެ މައްސަލައެއްގައި ޖަލަށްލި ޚަބަރެވެ.
މިޙަބަރާއެކު ޝާހްރުކް ޚާނާއި އޭނާގެ އަންހެނުން ގޯރީ ޚާނަށް ކޮށްފައިވާ ފުން އަސަރާއި، އެކަމުގެ ހިތާމައިގައި ނުކައި ނުބޮއި އުޅޭ ވާހަކަ، އަދި ދަރިފުޅު ޖަލުން ސަލާމަތް ކުރުމަށް ދެމަފިރިން ކުރަމުންދާ މަސައްކަތުގެ ޚަބަރުތައް ވެސް މީޑީއާތަކުން ދިޔައީ ބަރާބަރަށް ގެނެސްދެމުންނެވެ.
އެންމެފަހުން އޮކްޓޯބަރ 30 ވަނަ ދުވަހު އާރިޔަން ވަނީ ކަފާލާތުގެ ދަށުން ޖަލުން މިނިވަން ކޮށްފައެވެ. ޑްރަގްގެ މައްސަލައެއްގައި ޖަލަށް ލުމަށްފަހު ކަފާލާތުގެ ދަށުން އާރިޔަން މިނިވަން ކުރުމަށް ކޯޓުން ނިންމާފައި ވަނީ މިމަހު 28 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހު ކޯޓުން ކަރަންޓު ދިއުމުގެ ސަބަބުން ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނުނިމި ލަސްވުމުން އާރިޔަންއަށް ޖަލުން ސަލާމަތް ވެވުނީ 30 ވަނަ ދުވަހުއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި، އެތައް ދުވަހެއް ޖަލުގައި ހޭދަ ކުރުމަށް ފަހު އާރިޔަން ގެއަށް އަންނަން ވާއިރަށް މުމްބާއިގައި އެއާއިލާ ދިރިއުޅޭ ބޮޑު ބަންގަލޯ ވަނީ ޒީނަތްތެރި ކޮށްފައެވެ. އާރިޔަންއަށް މަރުހަބާ ކިޔުމަށް އެއްވެސް ކަމެއް އުނިކޮށްފައެވެ ނުވެއެވެ.
މީގެ އިތުރުން އާރިޔަން ޖަލުން ސަލާމަތް ވުމުން އެކަމަށް ޓަކައި ޝުކުރު އަދާކުރުމަށް މުމްބާއިގައި ހުންނަ މަޝްހޫރު ފައްޅިއެއް ކަމަށްވާ ސިއްދިވިނާޔަކް ފައްޅިއަށް ގޮސް، އެތަނުގައި އަޅުކަންކުރުމަށް ވެސް ޝާހްރުކް ވަނީ ނިންމާފައެވެ.
ޝާހްރުކް ޚާނަކީ އިންޑިއާއާއި ދުނިޔޭގައިވެސް ނަން މަޝްހޫރު ތަރިއެކެވެ. އޭނާގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު، އެތައް ހާސް މުސްލިމުންނެއް ވެސް އޭނާއަށް ސަޕޯޓުކުރެއެވެ. މުސްލިމް ނަމެއް ކިކަމުގައި ވިޔަސް ޝާހްރުކް ޚާން ފާހަގަ ވެފައި ވަނީ އާންމުކޮށް ހިންދޫންގެ އަޅުކަންތަކުގައި ބައިވެރިވާ، ހިންދޫ ބުދުތަކަށް އަޅުކަންކުރާ ތަރިއެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ އަހަރަކު އެކި ނަންނަމުގައި ހިންދޫއިން ފާހަގަކުރާ އަޅުކަންތަކުގައި އޭނާ ބައިވެރިވެއެވެ. ބުނެވޭގޮތުގައި އޭނާ ދިރިއުޅޭ ގެ ”މަންނަތު“ ގައި ވެސް އަޅުކަން ކުރުމަށް ފައްޅިއެއް ހަދާފައި ހުރެއެވެ. އޭނާގެ ގޭގައިވެސް ހިންދޫއިންގެ އަޅުކަންތަކާއި ހަފްލާތައް ބޭއްވުމަކީ އާންމު ކަމެކެވެ.
ދަރިފުޅު ޖަލުން ދޫކޮށްލުމުގެ ކުރިން ޝާހްރުކް އެންމެ ފަހުން ކޮށްފައިވާ ޓްވީޓްވެސް ކޮށްފައި ވަނީ ހިންދޫންގެ އަޅުކަމުގެ ހަފްލާއަކާއި ބެހޭގޮތުން، ހިންދޫއިން ކަލަކު ކަމަށް ޤަބޫލު ކުރާ ބުދަކަށް ތައުރީފު ކޮށްފައެވެ.