
ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްފި
ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވެރެޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން އިފްތިތާޙް ކޮށްފިއެވެ.
މިމަސައްކަތް އިފްތިތާޙް ކޮށްދެއްވާފައި ވަނީ މިކަމަށް ޓަކައި މިއަދު އިންނަމާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ފެން ކުންފުނީގެ ޗެއާމޭން އަލްފާޟިލް އަޙްމަދު މައުސޫމްއާއި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހް ބައިވެރިވެ ވަޑައިންނެވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް ހަސަން އަޙްމަދުއާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސެން ނާސިފް، އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަޒްމީންއާއި ފެން ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިންނެވިއެވެ.
އެމް.ޑަބްލިއު.އެސް.ސީއިން ބުނެފައިވާ ގޮތުގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އަދި އެހެނިހެން ތަކެތި އިންނަމާދޫއަށް ގެނެސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.
އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން އިންނަމާދޫގައި 33.8 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ވިއުގައެއް ޤާއުމް ކުރުމަށް ވަނީ ހަމަޖެހިފއެވެ. މީގެ އިތުރުން އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށް ޓަކައި 3 ތާންގި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އަދި މިމަޝްރޫޢުގައި، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 43 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެން ދަތިކަމަކާއި ނުލައި ލިބިގެންދާނެއެވެ.