އުތުރުތިލަފަޅު އެއްބަސްވުން: މުއްދަތު ހަމަވިއިރު ވެސް މަޢުލޫމާތު ހާމައެއް ނުކުރި

އުތުރުތިލަފަޅު ތަރައްޤީ ކުރުމަށް އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމާއި ބެހޭ މަޢުލޫމާތު 7 ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިނިސްޓްރީ އޮފް ޑިފެންސަށް އެންގުމުން، އެމުއްދަތު ހަމަވިއިރު ވެސް އެއްބަސްވުމާއި ބެހޭ މަޢުލޫމާތު ޑިފެންސް މިނިސްޓްރީއިން ހާމައެއް ނުކުރިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ބެހޭ މަޢުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނުން ޑިފެންސަށް އަންގާފައިވަނީ އޮންލައިން ނޫހެއް ކަމުގައިވާ “ދިޔަރެސް”އިން އެކަމަށްއެދި މައްސަލަ ހުށަހެޅުމުންނެވެ. އެއްބަސްވުމުގައިވާ މަޢުލޫމާތު ހޯދުމަށް “ދިޔަރެސް” އިން ވަނީ ޑިފެންސްގައި ވެސް އެތައްފަހަރަކު އެދިފައެވެ. އެހެންނަމަވެސް ޑިފެންސްއިން ވަނީ އެއެއްބަސްވުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ހާމަކުރުމަށް ދެކޮޅުހަދާފައެވެ. އެހެންކަމުން ދެން މައްސަލަ ހުށަހަޅާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަށެވެ.

އިޝްތިހާރު Below Header ad

އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިމަހު 14 ވަނަ ދުވަހު ނިންމާލަމުން އެކޮމިޝަނުން ބުނެފައި ވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގައިވާ މަޢުލޫމާތުތަކަކީ ޤައުމީ ސަލާމަތައް ނުރައްކާވާ ފަދަ މަޢުލޫމާތުތަކަކަށް ވަނީ ކީއްވެކަން ޑިފެންސަށް ބުނެދެވިފައި ނުވާކަމަށެވެ. އެހެންކަމުން އެމަޢުލޫމާތުތައް ހާމަ ކުރުމަކީ ޤައުމީ ސަލާމަތައް އެއްވެސް ނުރައްކަލެއް ވާނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، 7 ދުވަހުގެ ތެރޭގައި “ދިޔަރެސް” ނޫހުން އެއެއްބަސްވުމުން ހާމަކުރަން ބޭނުންވާ ކަންކަން ހާމަ ކުރުމަށް އަންގާ ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން “ދިޔަރެސް” އިން ހޯދަން އެދިފައިވާ މަޢުލޫމާތު ތަކަކީ:-

  • އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިޔާގެ “ޓެކްނިކަލް” ފަރާތްތަކެއް ތިބޭނެ ކަމަށް ބުނެފައިވާއިރު، އެޓެކްނިކަލް ފަރާތްތައް ނިސްބަތް ވަނީ ކޮން މުއައްސަސާއަކަށް ކަން
  • އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު (އެއްބަސްވުމުގައި މުއްދަތު ކަނޑައެޅިފައިވާ މާއްދާ ވަކިން ހާމަ ކޮށްދިނުމަށް އެދި)
  • އެއްބަސްވުމުގެ ދަށުން “ޓެކްނިކަލް” މީހުންގެ ގޮތުގައި ތިބޭނީ އިންޑިޔާގެ ކިތައް މީހުންކަން
  • އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓު، އަނބުރާ ދައްކަންޖެހޭ މުއްދަތު އަދި އެފަދަ އެހެން ތަފްސީލު
  • އެއްބަސްވުމުގެ ދަށުން “ޓެކްނިކަލް” ފަރާތްތަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލު
  • އެއްބަސްވުމުގެ ދަށުން “ޓެކްނިކަލް” ފަރާތްތަކުގެ އެކޮމޮޑޭޝަން، ކެއުމުގެ ޚަރަދު، އަދި އެހެނިހެން ޚަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލު

މިމަޢުލޫމާތުތައް ހާމަ ކުރުމަށް ކޮމިޝަނުން ދިން މުއްދަތު މިމަހުގެ 21 އަށް ހަމަވެފައިވާއިރު އަމުރާއި އެއްގޮތަށް އެއްބަސްވުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ޑިފެންސުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއްވެސް ބުނެފައެއް ނުވެއެވެ. ޤަވާއިދުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަންގެ ނިންމުމާމެދު މިނިސްޓްރީގެ ކަންބޮޑުވުމެއް އޮތްނަމަ އިސްތިޢުނާފް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި ހައިކޯޓުގައި މައްސަލަ އިސްތިޢުނާފް ކުރެވޭނެއެވެ. އަދި މަޢޫލޫމާތު ހާމަ ކުރަން އަންގާތާ 45 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިޢުނާފް ނުކޮށް އަދި މަޢުލޫމާތު ހާމަ ވެސް ނުކޮށްފި ނަމަ، ޑިފެންސަށް ދަޢުވާކޮށް ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

Maria didi
ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ—ފޮޓޯ: ރައީސް އޮފީސް

އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބެލެވޭ ލިޔުމެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، ހަތިޔާރުއެޅި އިންޑީޔާ ސިފައިންނަށް 15 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ ކަމަށް އެލިޔުމުގައި ބުނެފައިވެއެވެ. އަދި އިންޑިޔާއިން ބޭނުން ވެއްޖެނަމަ އެމުއްދަތު އިތުރު 15 އަހަރަށް އިތުރުވެސް ކުރެވޭނެ ކަމަށާއި، އުތުރުތިލަފަޅުގައި ޤާއިމް ކުރާ ވަސީލަތްތައް ވެސް އިންޑިޔާ ސިފައިންނަށް ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ލީކުވެފައިވާ ލިޔުމާއެކު ރާއްޖޭގެ އެތައްހާސް ރައްޔިތުންނެއް ދަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅުހަދައި، ރާއްޖެއިން އިންޑިޔާ ސިފައިން ބޭރުކުރުމަށް އެދި ގޮވާލަމުންނެވެ. އެހެންނަމަވެސް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ މިއެއްބަސްވުން ދިފާޢުކޮށް ވާހަކަދައްކަމުންނެވެ.

އެތައްހާސް ބަޔަކު އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އެދި ގޮވާއިރު، އަދި ކޮމިޝަނުން ވެސް އުތުރުތިލަފަޅު އެއްބަސްވުމުގައިވާ މަޢުލޫމާތު ހާމަ ކުރުމަށް އަމުރު ކޮށްފައިވާއިރު، ޑިފެންސް މިނިސްޓްރީއާއި މުޅި ސަރުކާރުވެސް މިއެއްބަސްވުން ސިއްރު ކުރަނީ ކީއްވެތޯ މިއީ އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ރާއްޖޭގައި އިންޑިއާ ސިފައިން ކުރާކަމަކީ ފުޅާދާއިރާއެއްގައި ރާއްޖެއާއި ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން. އިންޑިއާ ސިފައިން ރާއްޖޭގައި އިތުރުވީވަރަކަށް މަސްތުވާތަކެތި ރާއްޖޭގައި ތިޔާގިވާނެ، ސަރުކާރުން މި ވިޔަފާރި ހިންގުމަށް އެހީތެރިވުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާމީހުން ވަނީ މަގުތަކަށް ދޫކޮށްލާފައި. ފިޔަވަޅުއެޅުން ހުއްޓާލާފައި.

  2. sarukaaruge idhaaraathakun sarukaarah angaa engunthaka amalu nukuraairu UTF agreement akee kihaa biruveri nurakka theri kan bodu agreement kan varah rangalha saafuvejje heevaagothuga thiulhenee vakivaki bayakah bodathi hadhiyaa thakaa inaamutha dheefa India ge baaruge dhasha miraajjeyge maslahathaa gulhun hurikanthathake dheegen nooniviyya avaha haamakodhevvaa aharamenge hitha finikame libeynee e agreement fenigen avas kurey

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.