
ކަނޑުމައްޗަށް ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މިމަހު 16 ވަނަ ދުވަހު ކަނޑުމަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފިއެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި އެފަރާތުން ބުނެފައި ވަނީ، 16 އޮކްޓޯބަރ 2021 ވަނަ ދުވަހު ”ޑްރީމް“ ލޯންޗަށް ރާޅެއް އަރައި، ކުޑަ ކުއްޖަކު ގެއްލުނު ހާދިސާގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީވެ ސާރޗް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ބާރު ވަޔާއެކު ކަނޑުގަދަވުމުގެ ސަބަބުން މިމަހު 16 ވަނަ ދުވަހު ހިނގި މިހާދިސާގައި ގެއްލިފައި ވަނީ އުމުރުން އެންމެ 4 އަހަރުގެ ޖުޔަލް ޖިނާޙެވެ. ޖުޔަލް ގެއްލިފައި ވަނީ ދަތުރުކުރަމުން ދިޔަ ލޯންޗަށް ބޮޑު ރާޅެއް ޖެހުމުން ޖުޔަލް އާއި އޭނާގެ މަންމަ މަރިޔަމް ނާހިދާ (33 އ) ކަނޑަށް ވެއްޓުމުންނެވެ. ރާޅު ޖެހި ވަގުތު ޖުޔަލް އިނީ އޭނާގެ މަންމަގެ އުނގުގައި ލޯންޗުގެ އެންމެ ފަހަތު ސީޓުގައެވެ.
މިހާދިސާގައި ޖުޔަލްގެ މަންމަ ނާހިދާ ވަނީ ނިޔާވެފައެވެ.