ޕެނަލްޓީ ޖަހައިގެން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ކްލަބް ވެލެންސިއާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު މެޗުން ޕެނަލްޓީޖަހައިގެން ވިކްޓަރީގެ މައްޗަށް ވެލެންސިއާ ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސްޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިހާފުގައި ދެޓީމަށްވެސް ލަނޑުޖަހަން ފުރުސަތު ތަނަވަސް ވެގެން ދިޔައިރު އެއްވެސް ޓީކަމަށް ވަނީ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ވިކްޓްރީ އިންނެވެ. ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮމަދޫ ވެސްޓް އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ވެލެންސިއާގެ މުހައްމަދު ފުހެއިދު ވަނީ ލަނޑެއް ކާމިޔާބުކޮށް ވެލެންސިއާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޖެހި ޕެނަލްޓީގައި ވިކްޓްރީގެ މައްޗަށް ކުރިހޯދީ ވެލެންސިއާއެވެ. ވެލެންސިއާގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާރިފް އާއި އަހުމަދު ރިލްވާންގެ އިތުރުން މުހައްމަދު ޝިފާންއެވެ.
އެފްއޭ ކަޕްގެ ސެމީގައި ވެލެންސިއާ ބައްދަލުކުރާނީ ކުއާޓާ ފައިނަލް ފަހު މެޗުގައި މިރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ވެލެންސިއާގެ އިތުރުން ދެން މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައިވަނީ ޓީސީ އަދި ނިއު ރޭޑިއަންޓް އެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބިގެންދާއިރު އޭއެފްސީގެ ޖާގައެއް މިހާރު ވެސް މާޒިޔާ އަށް ވަނީ ކަށަވަރުވެފައެވެ. އެޓީމަށް މި މުބާރާތުގެ ޖާގައެއް ކަށަވަރުވީ އުރީދޫ ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދުމުންނެވެ.
މި މުބާރާތުގެ ދެޖާގައެއް ދިވެހި ދެޓީމަށް ލިބިގެންދާއިރު ފަހުޖާގަ ކަށަވަރުވާނީ އެފްއޭކަޕްގެ ޗެމްޕިއަން ކަން ހޯދާ ޓީމަކަށެވެ.