
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 487 މައްސަލައެއް ހުށަހަޅައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021 އާ ދެމެދު ޖުމުލަ 487 މައްސަލައެއް ހުށަހެޅިފައިވާކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.
މިގޮތުން އެ އޮފީހަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލައާއި، މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ 156 މައްސަލައާއި، ޤާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލައާއި، އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރުމާ ގުޅޭ 26 މައްސަލައާއި، ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލައާއި، މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލައާއި، އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލައާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭގޮތުން 09 މައްސަލައާއި، ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 07 މައްސަލައާއި، މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ، އުނގެނުމުގެ ޙައްޤާ ގުޅޭ 06 މައްސަލަ، އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލައެއްގެ އިތުރުން އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލައެއް ހިމެނެ އެވެ.
މީގެތެރެއިން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފައިވާއިރު، 26 މައްސަލައެއް ނުބެލުމަށް ވަނީ ނިންމައިފަ އެވެ. އަދި އެއް މައްސަލައެއް އިންތިޤާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 06 މައްސަލައެއްގައި އިތުރު މަޢުލޫމާތު ހޯދުމަށް ފޮނުވަން ނިންމައި، އިތުރު 05 މައްސަލައެއްގެ ޝަރުޢީ މަރުޙަލާ ކުރިއަށްދާތީ، އެ މަރުޙަލާ ނިމުމުން ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021ގެ ނިޔަލަށެވެ.
ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެ އެވެ.