
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމިއްޖެ
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 17 އޯގަސްޓް 2021 ވަނަ ދުވަހު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.
ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެނދިޔަ ފަރާތްކަމިގައިވާ އެމް.ޓީ.ސީ.ސީއިން ބުނެފައި ވަނީ، މި މަޝްރޫޢުގެ ދަށުން، 31,820 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށްފައިވާ ކަމަށާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާފައިވާ ކަމަށެވެ. އަދި 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނޭ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މީގެ އިތުރުން 1810 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އެމް.ޓީ.ސީ.ސީއިން އިތުރަށް ބުނެފައި ވަނީ، މި މަޝްރޫޢުއަކީ 34.79 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.