
އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ ޢާންމު ބައްދަލުވުން ބާއްވައިފި
2020ވަނަ އަހަރުގެ އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފިއެވެ. 2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިގެން ދިޔަ އަހަރެއް ނަމަވެސް، މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ވަނީ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.
ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް، 2020 ވަނަ އަހަރަކީވެސް އެމް.ޑަބްލިޔު.އެސް.ސީ އަށް ކާމިޔާބު އަހަރެއްކަމާއި އަދި 2019 ވަނަ އަހަރާ އާޅާބަލާއިރު ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި 5 އިން ސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން އެމް.ޑަބްލިޔު.އެސް.ސީ ގެ ބޯޑު ޑިރެކްޓަރުންގެ އަހަރީ އާންމު ބައްދަލުވުމުގައި (އެނުއަލް ޖެނެރަލް މީޓިންގ ގައި) ވަނީ ފާހަގަ ކުރައްވާފައެވެ.
މި ކާމިޔާބީ އާއި ކުރިއެރުން ހާސިލް ކުރެވިފައިވަނީ، ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގަޔާއި އަދި ޚަރަދު ކުޑަކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އަދި ކުންފުނީގެ އެންމެ މުހިއްމު ރައުސްލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. ކޮވިޑްގެ އުނދަގޫ ތަހައްމަލު ކުރަމުންވެސް، ކުންފުނީގެ މުވައްޒަފުން ވަނީ މަޑުޖެހުމެއްނެތި ހީވާގި ކަމާއެކު މަސައްކަތްކުރައްވައި އާއްމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދީފައެވެ.
2020 ވަނަ އަހަރު އެމް.ޑަބްލިޔު.އެސް.ސީ ގެ ފައިދާ އިތުރުވެގެން ގޮސްފައިވާ އިރު، ކުންފުނީގެ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި މީހުންބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ވަނީ ރޭވިފައެވެ. ކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު 2 ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރެވިފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް ކުންފުނިން އަނަނީ ހިންގަމުންނެވެ. މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެމް.ޑަބްލިއު.އެސް.ސީގެ ބައިވެރިވުން އެކުލެވިގެން ވާކަމީ ކުންފުނިން އުފަލާއެކު ފާހަގަކުރާކަމެކެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް މިކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިފުރުޞަތުގައި މިކުންފުނީގެ ލޮބުވެތި މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރަމެވެ. އަދި މިއަދު މިކުންފުނީގެ ކުރިއެރުމަށްޓަކައި ކެނޑިނޭޅި ދެއްވަވަމުން ގެންދަވާ އިރުޝާދު ތަކާއި މިކުންފުނިން މިއަދު ދެކެމުން މިދާ ކުރިއެރުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބުރާހިމް މުހައްމަދު ޞާލިހަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރަމެވެ. އަދި އެންމެހާ ލޮބިވެތި ރައްޔިތުން މިކުންފުންޏަށް ކުރައްވާ އިތުބާރަށްވެސް ޝުކުރު އަދާކުރަމެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.