
ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ 84 ޕަސެންޓް ނިމިއްޖެ
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަމަށް އެ މަޝްރޫޢު ހިންގާ އެމް ޓީސީސީ އިން ހާމަ ކޮށްފިއެވެ.
މީގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓާއި ސަބްގްރޭޑް މަސައްކަތްތަކުގެ 65 ޕަސެންޓާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 60 ޕަސެންޓްވެސް ނިމިފައިވާކަަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38,916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 88.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.