
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން މި މަހުގެ 11 ގައި ބާއްވަނީ!
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން މި މަހުގެ 11 ގައި ބާއްވަން ނިންމާފައިވާ ކަމަށް ދަރަވަންދޫ ކައުންސިލް އިދާރާ އިން ބުނެފި އެވެ.
މި ފިއެސްޓާގެ ފޯކަލް ޕޮއިންޓު އިބްރާހިމް ހުސާމިން ވިދާޅުވީ މި އަހަރުގެ މުބާރާތުގައި އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. އަދި ގުރުއަތުނެގުން މި އޯގަސްޓު މަހުގެ 11 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ފިއެސްޓާގައި ނިންމާފައިވަނީ (އަންހެން އަދި ފިރިހެން ވަކިން) ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭގޮތަށް ކަމަށެވެ. އަދި މެޗްތައް ކުޅެވޭނީ ރޭގަނޑު ކަމަށާއި ކޮންމެ ރެއަކު 2 މެޗު ކުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ފެށުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ ޖުލައި މަހު 20 ވީ އަންގާރަ ދުވަހު އެވެ.
ނަމަވެސް ފިއެސްޓާ ފެށުން ލަސްކުރީ ޢީދު ބަންދާއި ޗުއްޓީގައި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ނެވެ. އެހެންވެ، މި ފިއެސްޓާ ފެށުމަށް މިހާރުނިންމާފައިވަނީ މި އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.
ފިއެސްޓާ ފަށާ ތާރީޚަށް ބަދަލު އައުމާއިގުޅިގެން ބައިވެރިވެފައިވާ ޓީމުތަކުން، ޓީމު ލިސްޓަށް އެއްވެސް އުނި އިތުރެއް ގެންނަން ބޭނުން ނަމަ، އޯގަސްޓް 10 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.
މި ފިއެސްޓާގައި ބައިވެރިވެވެނީ ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް ކަމަށްވާ އިރު، ކޮންމެ މުބާރާތެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް ދަރަވަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޓޯލް ނިއުސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އެންޕްލަސް އެވެ.
އެޓޯލް ނިއުސް އިން މިފަދަ މުބާރާތެއްގެ އޮންލައިން މީޑިއާ ޕާޓްނަރކަން ނެގި މިއީފުރަތަމަ ފަހަރެވެ.