ކޮވިޑުގައި ރާއްޖެ މިހާރުވަނީ ‘ނިއު ނޯމަލް’ އަކަށް ގެނެވިފަ: ރައީސް ސޯލިހު
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު “ނިއު ނޯމަލް” އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ކެބިނެޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަކުރައްވައި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ފާހަގަކުރައްވައި، ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.
މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައި ވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.