
މުޝީ ބްރޭންޑުގެ ތަކެތި ކުޑަކުދިންގެ ކާތަކެތި އެޅުމަށް ހާއްސަ ބޭނުން ނުކުރަން އަންގައިފި
ކުޑަކުދިންގެ ކާތަކެތި އެޅުމަށް ހާއްސަ “މުޝީ” ބްރޭންޑުގެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ބްރޭންޑުގެ ތަކެތިން ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.
އެހެންވެ އަންގާފައިވަނީ “މުށީ” ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސެނެޕް ކަޕް ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށެވެ.
އެމްއެފްޑީއޭއިން ބުނީ މި ބާވަތް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އަދި އެ އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އެމްއެފްޑީއޭ އިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑްގެ އެ ބާވަތްތައް ބޭނުން ނުކުރުމަށް އަންގާ ކަމަށް ބުނެފައި ވެއެވެ.