އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ދީފި
އިރާގުގެ ވެރިރަށް ބަގްދާދްގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ދެ ރޮކެޓު ހަމަލާ ދީފައިވަނީ މިއަދު ހެނދުނު އެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އިރާގުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އެ ހަމަލާތަކުގެ ތެރެއިން ފުރަތަމަ ރޮކެޓު ހަމަލާ އަމާޒުވެފައިވަނީ އެމެރިކާ އެމްބަސީ ހިމެނޭ ގްރީން ޒޯނުގެ ޕާކިން ސަރަހައްދަކަށެވެ. ދެވަނަ ރޮކެޓު ހަމަލާ އަމާޒުވެފައިވަނީ ގްރީން ޒޯނުގެ ހުސް ބިމަކަށް ކަމަށް އިރާގުގެ ކަމާ ބެހޭ ފަރާތްތަކުން މީޑިއާގައި ބުނެފައިވެ އެވެ.
ބަގްދާދުގެ ގްރީން ޒޯނަކީ ސަރުކާރުގެ މައި އިދާރާތަކާއި ގައުމުތަކުގެ އެމްބަސީތައް ހުންނަ ސަރަހައްދެވެ.
މިފަހަކަށް އައިސް އެ ސަރަހައްދަށް ވަރަށް ގިނަ ރޮކެޓު ހަމަލާތަކެއް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އިރާގުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަލާތައް ދެނީ އައިސް ޖަމާއަތުން ކަމަށާއި އެމީހުންނަށް ވާގިވެރިވަމުން ދަނީ އީރާން އެވެ.
އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައި މިވަނީ މިއަހަރު ނިމުމުގެ ކުރިން އިރާގުގައި ތިބި އެމެރިކާ ސިފައިން ބާލައި ހުސް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވާފައި ވަނިކޮށެވެ.