ޚަބަރު ފީތާ

ފަހުވަގުތު ކާމިޔާބުކުރި ގޯލުން ޕީއެސްޖީ ދެވަނަ ބުރަށް

ފަހުވަގުތު ބާސެލްގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ރޭގެ މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

ބާސެލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފް ނިމެން ދަނިކޮށް މެޗުގެ 43 ވަނަ މިނެޓުގައި މަޓުއިޑީ ވަނީ ލަނޑުޖަހާ ޕީއެސްޖީއަށް މެޗުގެ ލީޑުނަގާދީފައެވެ.

ޕީއެސްޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޕީއެސްޖީއަށް ވަނީ ލިބިގެން ގޮސްފައިވެއެވެ.

އެހެން ނަމަވެސް މި ފުރުސަތުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ. ބާސެލްއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓްގައި ލޫކާ ޒުފީ ކާމިޔާބުކުރި ހިއްގައިމު ލަނޑުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓްގައި ތޯމަސް މެއުނިއޭ ވަނީ ލަނޑެއްޖަހާ ޕީއެސްޖީ މޮޅުކޮށްދީފައެވެ.

ރޭގެ މި މޮޅާއެކީ ޕީއެސްޖީ އޮތީ ގްރޫޕް އޭގެ ދެވަނައިގައި 10 ޕޮއިންޓާއެކީގައެވެ. ގްރޫޕް އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު އާސެނަލްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ބާސެލް އަދި ފުލުގައި އޮތް ލުޑޮގްރެޓްސްއަށް ލިބެނީ އެއް ޕޮއިންޓެވެ.

ބާކީ އަދި އެއްމެޗު އޮއްވާ މުބާރާތުގެ ދެވަނަ ބުރައް ދަތުރުކުރި އިރު ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލްއާއެވެ. މި މެޗު ކުޅޭނީ އާސެނަލްގެ ދަނޑުގައި މި މަހުގެ 23 ވަނަ ދުވަހުގެރެއެވެ.

Rate this post