
ފްރަންޓުލައިންގައި މަސައްކަްތކުރާ މީހުންނަށް 169 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި
ކޮވިޑުގެ ހާލަތުގައި ފްރަންޓުލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް 169 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސް، މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް 12731 މީހަކަށް ދީފައިވާ ކަމަށެވެ. އަދި އެމީހުންނަށް ދީފައިވަނީ 169.98 މިލިއަން ރުފިޔާ ކަމަށެވެ.
ފްރަންޓުލައިންގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ރިސްކް އެލަވަންސެއް ދޭން ނިންމައި، ސަރުކާރުން އެކަން އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގަ އެވެ.
އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ ހައި-ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އެވެ. އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ އެވެ.