
ސަމާލުވާތި، ރާއްޖޭގެ މޫސުން މިއަދުވެސް ގޯސްވާނެ!
ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ވިއްސާރަކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވުން އެކަށީގެންވާ ކަަމަށެވެ.
ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި އުތުރުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް ވެސް ވަނީ ބުނެފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި އާއްމުކޮށް މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. ޚާއްސަކޮށް މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.