ޚަބަރު ފީތާ

ރިޝްވަތުގެ ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުގެ ގޭގައި ރަނުގެ ފާހާނާ ތައްޓެއް

ޓްރެފިކް ބަލައްޓާ ފުލުހުން އެތައް ހާސް ޑޮލަރަކުން ރިޝްވަތު ނަގާކަމުގެ މަޢުލޫމާތު ލިބި، އެމައްސަލަ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް، ރިޝްވަތުގެ މި ބޮޑު ވިއުގަ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި، އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ޓްރެފިކް ފުލުހުންގެ އެންމެ އިސް ވެރިޔާ ދިރިއުޅޭ ގޭގެ ފާހާނާއެވެ.

ސަބަބަކަށްވީ ރަނުން ހަދާފައި ހުރި ފާހާނަ ތައްޓާއި، ތައްޓާ ގުޅޭގޮތަށް ފާހާނައިގައި ޖަހާފައި ހުރި އަގުބޮޑު މުށިތަކެވެ.

ރަޝިޔާގެ ސްޓަވްރޮޕޮލްގައި ހުންނަ ޓްރެފިކް ފުލުހުންގެ އިސް ވެރިޔާގެ ގެއަކީ ގަނޑުވަރެއް ފަދައިން ފަރުމާކޮށްފައި ހުރި، ބޮޑު ގެއެކެވެ. އަދި އެ ގެ ވަނީ އެފަދަ މަޤާމެއްގެ އޮފިސަރެއްގެ މުސާރައާއި ނުބައްދަލު ޚަރަދުތަކެއް ކޮށް، ރަސްރަސްކަލުން ފެންވަރަށް ޒީނަތްތެރި ކޮށްފައެވެ.

ރިޝްވަތު ނެގުމުގެ ކުށުގައި ޕޮލިސް ކާނަލް އެލެކްސޭ ސަފޮނޯވް މިހާރުވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ކޯޓުގައި ސާބިތު ވެއްޖެ ނަމަ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މައްސަލަ  ތަހުގީގު ކުރި ކޮމިޓީއިން ވަނީ ސަފޮނޯވް ދިރިއުޅުނު ގޭގެ އެތެރެ ދައްކުވައިދޭ ވީޑިއޯއެއް އާންމު ކޮށްފައެވެ. ރަނުން ފާރުތަކާއި ފަރުނީޗަރު، އަދި ބަދިގޭގެ ކަބަޑުތަކުގެ އަތްގަނޑުތަކާއި ފޮޓޯ ފްރޭމްތައް ވަނީ ޒީނަތްތެރި ކޮށްފައެވެ. ގޭގެ ބޭރުގައި އެންމެ ފަހުގެ އެންމެ އަގުބޮޑު ވެހިކަލްތައް ޕާކުކޮށްފައި ހުންނަ މަންޒަރުވެސް ދައްކުވައިދޭ މިވީޑިއޯއިން ބޮޑަށް ހީވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ހޮޓަލުގެ ކޮމާޝަލެއް ދައްކުވައިދޭ ހެނެވެ.

ގޭގެ ކޮންމެ ކަނެއް ވަނީ ރަނުން ޖަރީ ކޮށްފައެވެ. ނަމަވެސް އެންމެންވެސް ހައިރާންވީ ފާހާނައިގައި ބަހައްޓާފައިހުރި ފާހާނަ ތަށިވެސް ރަނުން ތައްޔާރު ކޮށްފައި ހުރުމުންނެވެ.

ރަޝިޔާގެ ރަސްމީ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ސަފޮނޯވްއާއި އޭނާގެ ދަށުގައިވާ 6 އޮފިސަރުންނެއް ވަނީ ފާއިތުވި އަހަރުތަކުގައި ރިޝްވަތުގެ ގޮތުގައި 19 މިލިއަނަށް ވުރެ ގިނަ ރަޝިޔަން ރަބްލް ނަގާފައެވެ. ރިޝްވަތު ނަގާފައި ވަނީ ވިޔަފާރިތަކަށް ޤަވާއިދާ ޚިލާފަށް ބޮޑެތި ވެހިކަލްތައް އޮޕަރޭޓް ކުރުމަށް ހުއްދަ ދިނުމަށެވެ. މިހުއްދައިގެ ސަބަބުން ވެހިކަލްތައް އޮޕަރޭޓް ކުރާ ފަރާތްތަކަށް އިތުރު ހުއްދައަކާއި ފީއަކާއި ނުލައި އަދި ފާސްކުރުމެއް ނެތި ބޮޑެތި އުޅަނދުތައް އެއް ސަރަހައްދުން އަނެއް ސަރަހައްދަށް މުދަލާއިއެކު ގެންދެވޭނެ މަގު ފަހިވެއެވެ.

އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު މި މައްސަލައިގައި ހިމެނޭ ގިނަ މީހުން މިހާރުވަނީ ހައްޔަރު ކޮފައެވެ.

Like
Like Love Haha Wow Sad Angry
4

ޚިޔާލު 1 on "ރިޝްވަތުގެ ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުގެ ގޭގައި ރަނުގެ ފާހާނާ ތައްޓެއް"

  1. Bedsheet othee ranakun noon. Kamaku nudey.. dorufothi ves reethi veehee ran dhorufothi hurinama. Thankolheh ava hee falhaa eri leh.

Comments are closed.