އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ، ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން ކްލަބް ވެލެންސިއާއިން ވެސް ނިންމައިފިއެވެ.
މިކަން ކަށަވަރުކޮށްދެމުން ކުލަބު ވެލެންސިއާއިން ބުނީ މި އިންތިހާބުގައި ބައްސާމްއަށާއި އޭނާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންނަށް ތާއީދުކުރަން ނިންމާފައިވާ ކަމަށާއި އެކުލަބުން ބައްސާމްއަށް ތާއީދުކުރަން ނިންމީ އޭނާއަކީ ވެލެންސިއާ ހިންގުމުގައި މީގެކުރިން އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭފުޅެއްކަމަށެވެ.
ކުލަބު ވެލެންސިއާއިން ބައްސާމް އަށް ތާއީދުކުރަން ނިންމާފައިވާއިރު ޓީސީ ސްޕޯޓްސް ކްލަބުން ވެސް ވަނީ ބައްސާމްއަށް ތާއީދުކުރަން އިއްޔެ ނިންމާފައެވެ.
މިމަހުގެ 20 ގައި ބާއްވާ އެފްއޭއެމްއިން ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައްސާމުއާއި ވާދަކުރާނީ އަހުމަތު ތޯރިގު (ޓޮމް) އެވެ.
މިދިޔަ މަހުގައި ބައްސާމްއާއި ޓޮމްގެ އެކްސްކޯ ޓީމު އިއުލާންކޮށްފައިވާއިރު އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން މިހާރު ވަނީ މިކަން ގަބޫލުކޮށްފައެވެ.
އެފްއޭއެމްގެ އާ އިންތިޚާބެއް ބާއްވަން ޖެހިފައިވަނީ އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އިސްތިއުފާދިނުމާ ގުޅިގެން ޓޮމްގެ ރައީސްކަން ގެއްލުމާއި ގުޅިގެންނެވެ.