ޚަބަރު ފީތާ

މާލެ އަދި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާލެ އަދި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ގްރޭޓަރމާލެ ގްރިޑް ޓެސްޓު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން މިއަދު ހަވީރު ތިނަކުން އިރުއޮއްސި ހައެއް ޖެހުމާ ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓުކެނޑުމުގެ ފުރުސަތު އޮތް ކަމަށެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފައިވާ ގޮތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ، މިއަދު ވެގެންދާނީ އެ މަސައްކަތުގެ އެންމެ ފަހު ދުވަސް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގްރޭޓަރ މާލޭ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކޮށްފަ އެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސަރކިޓުން ގުޅާލެވޭ މަޝްއޫއެކެވެ. މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ 4 ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.

Like
Like Love Haha Wow Sad Angry