
މިނިވަން ޗެމްޕިއަންޝިޕް: ތިމަރަފުށި އަދި އޭދަފުށި ވެސް ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފި.
މިހާރު ކުރިޔައްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ތ.ތިމަރަފުށި އަދި ބ.އޭދަފުށި ވެސް ދަތުރުކޮށްފިއެވެ.
މިނިވަން ޗެމްޕިއަންޝިޕް ގްރޫޕް ދޭއްގައި ހިމެނޭ ތިމަރަފުށި އަދި އޭދަފުށި ސެމީއަށް ދަތުރުކުރީ، ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު 6 ޕޮއިންޓާއެކީގައެވެ.
މި ދެޓީމު ސެމީއަށް ދަތުރު ކޮށްފައިވާއިރު ކޮންމެ ޓީމަކަށްވެސް މި ގުރޫޕުގައި ބާކީ އަދި އެއްމެޗު އެބައޮތެވެ.
ބާކީ އެއްމެޗު އޮތްއިރު ތިމަރަފުށި އަދި އޭދަފުށި ސެމީއަށް ދަތުރުކުރި އިރު ދެން މި ގްރޫޕްގައި ހިމެނޭ ނ.ލަންދޫ އަދި ހދ.ހަނިމާދޫއަށް ޕޮއިންޓްގެ ގޮތުން ދެން މި ދެޓީމާ އަރާ ހަމަނުކުރެވޭނެއެވެ.
އޭދަފުށި މުބާރާތުގެ ސެމީއަށް ދަތުރުކުރީ މިއަދު ލަންދޫ އާއި ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގައި ކުޅުނު ދެވަނަ މެޗުން އިއްޔެ ތިމަރަފުށި މޮޅުވެފައިވަނީ ހަނިމާދޫ އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ސެމީފައިނަލްގެ މެޗުތަށް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައެވެ.



