ޚަބަރު ފީތާ

ކޮވިޑާއި ގުޅިގެން އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާ ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ނިއުދިއްލީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފަ އެވެ.

މިނިސްޓަރ ޝާޙިދު، މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރާށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހިރާއްޖެއިން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

މީގެއިތުރުން އެމަނިކުފާނުގެ “އުއްމީދުގެ ރިޔާސަތު”ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރ ޝާހިދު ޖުލައި 22-24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ އދގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: