
ޖަލު ބަންދުގައި ހުއްޓަ ސޫޗީ ސީނިއާ އެޑްވައިޒަރު ކޮވިޑު ޖެހިގެން މަރުވެއްޖެ
ބަޣާވާތަކުން މަގާމުން ދުރުކޮށް، ހައްޔަރުކޮށްފައިވާ މިއަންމާ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީގެ ސީނިއާ އެޑްވައިޒަރު ނިއަން ވިން ޖަލު ބަންދުގައި ހުއްޓަ ކޮވިޑު ޖެހިގެން މަރުވެއްޖެ އެވެ.
އޭނާއަށް ކޮވިޑު ޖެހިފައިވަނީ ޖަލުންނެވެ. މަރުވެފައިވަނީ ހާލަތު އިތުރަށް ގޯސްވާން ފެށުމުން މިދިޔަ ހަފްތާގައޮ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި އިރު އޭނާގެ އުމުރަކީ 78 އަހަރެވެ.
އޭނާ މަރުވިކަން ހާމަކޮށްފައިވަނީ ސޫޗީގެ ޕާޓީ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީންނެވެ. މިއަންމާގެ ހެލްތް މިނިސްޓްރީން އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ސޫޗީގެ ޕާޓީން ބުނީ ނިއަން މަރުވިޔަސް އެމީހުން އިންސާފާއި ޑިމޮކްރަސީ ގާއިމް ކުރާ ބުރަ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ނިއަން ފަށާފައިވާ ބުރަ މަސައްކަތްތައްވެސް ހުއްޓުމަކަށް އަޔަ ނުދީ ކުރިޔަށް ގެންދާނެ ކަމަށް ބުންޏެވެ.
މިއަންމާގެ އަސްކަރިއްޔާއިން ބަގާވާތެއް ގެނެސް ސޫޗީ ވެރިކަމުން ދުކުރު ކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިއަންމާގެ ރިޔަސީ އިންތިހާބުގެ ނަތީޖާ އާއި މެދު ހިތް ހަމަނުޖެހިގެންނެވެ.
ބަގާވާތް ގެނެސް އެ ގައުމުގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެ ގައުމުގެ ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ.
އެކަމަކު އަސްކަރިއްޔާގެ އެ ނިންމުން ބައިނަލް އަގުވާމީ އެއްވެސް ގައުމަކުން ގަބޫލެއް ނުކުރެ އެވެ. އަދި އެ ގައުމުގައި އަސްކަރިއްޔާ އާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކޮށް އާންމުންނާއި ސިފައިންނާއި ދެމެދު ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މިހާތަނަށް މި ހަމަލާތަކުގައި އާންމުންގެ އެތައް ސަތޭހަ ބަޔަކު ވަނީ މަރުވެފައި އެވެ.
ނިއަން ޖަލަށް ލާފައިވަނީ މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެ ގައުގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތަށް ފަހު އެވެ.