ބަގްދާދުގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 30 މީހުން މަރުވެ 50 މީހުން ޒަހަމް ވެއްޖެ
އިރާގުގެ ވެރިރަށް ބަގުދާދުގައި ދިން ބޮމުގެ ހަމަލާއެއްގައި30 މީހުން މަރުވެ50 އަށްވުރެ ގިނަ މީހުން ޒަހަމް ވެއްޖެ އެވެ.
ބަގްދާދް ފުލުހުން މީޑިއާގައި ބުނެފައިވަނީ ބޮން ގޮއްވާލާފައިވަނީ މީހަކު ޖާނުންފިދާވެގެން ކަމަށެވެ. ބޮން ގޮއްވާލާފައިވަނީ އީދަށް ގިނަ ބަޔަކު ބާޒާރު ކުރަމުންދިޔަ މާރުކޭޓެއްގައި އެވެ.
ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަށް އަންހެނުންނާއި ހަތް ކުޑަކުދިން ވެސް ހިމެނެ އެވެ. އެމީހާ ބޮން ގޮއްވާލާފައިވަނީ މާރުކޭޓު ތެރެއަށް ވަދެގެން ގޮސް އެންމެ މީހުން ގިނަައިން ތިބި ތަނުގައި މަޑުކުރުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފައި އެވެ.
ހަމަލާ އާއި ގުޅިގެން އިރާގުގެ ރައީސް ބަރްހަމް ސޯލިހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. ބަރްހަމް ވިދާޅުވީ އާންމު ރައްޔިތުން އުފަލުގައި އެންމެ ވަގުތުކޮޅަކަށް ތިބެންވެސް އައިސް ޖަމާއަތުން ބޭނުން ނުވާ ކަމަށެވެ.