
މަސް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި
މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭ ރޯމަސް މާރުކޭޓުގެ ފަސްޓް އަދި ސެކަންޑް ފްލޯގައި ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އެ އިދާރާއިން ކުރި އިއުލާނާއި ގުޅިގެން، ރަސްމީ ލިޔުމެއް ސިޓީ ކައުންސިލަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ.
ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މަސް މާރުކޭޓުގެ މަތީގައި ހުރި ”ލިސްޓޯ ފިހާރަ“ ފިޔަވައި އެހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ތަންތަނުގައި ހުރި އެއްޗެހި އެންމެ ލަސްވެގެން މި މަހުގެ 28 ގެ ކުރިން ނަގައި ހުސްކުރަން ސިޓީ ކައުންސިލުން އެންގި އެވެ.
ސިޓީ ކައުންސިލުން ބުނީ އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެ އިދާރާއިން ނިންމާގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.