މާރުކޭޓު ގޮޅިތައް ކުއްޔަށް ހިފުމުގެ ފުރުސަތު އޯގަސްޓް 17 އަށް އިތުރުކޮށްފި
މާލޭ ސިޓީ ކައުންސިލުން ހިންގާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފުމަށް އެދުމުގެ ފުރުސަތު އޯގަސްޓް 17 އަށް އިތުރުކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޮޅިތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 17 ވަނަ ދުވަސް ކަމަށެވެ. އަދި އެ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.
މި މުއްދަތު އިތުރުކުރީ ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކިކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިއުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށް އެ ކައުންސިލުން ބުނެ އެވެ. އަދި އެކަމަކީ ހަގީގަތުގައިވެސް ދަތިވާނެ ކަމެއްކަމަށް ކައުންސިލަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ބުނެފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިން އިޢުލާން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ 14:00 އަށް މުއްދަތު ހަމަވާނެ ކަމަށެވެ.
މާރުކޭޓްތަކުން މިފަހަރު ހުޅުވާލައިފައިވަނީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅި އެވެ.
ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްސަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްސަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްސަ 35 ގޮޅިއާއި، ”ގަޑިކަމަރު“ ވިއްކުމަށް ޚާއްސަ 19 ގޮޅި އެވެ.
ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބު ހެދީމަ ޖެހޭ އަގު ކަމަށް ކައުންސިލުން ބުނެ އެވެ. އެހެންކަމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާ އެވެ.
މި ގޮޅިތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ.
މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައި ވެއެވެ.
ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެން ކަމަށާއި ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށް ފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށްލައި ގުރުއަތުލާ ގޮތަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރުހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީ އެވެ.
މާރުކޭޓް ގޮޅިތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
https://t.co/wUPkD19Bxg— Male' City Council (@MaleCitymv) July 17, 2021