ހައްޖާއި ދިމާކޮށް ސައުދީގައި ފޭކު ކޮވިޑު ވެކްސިނާއި ސެޓްފިކެޓް ދޫކުރި 120 މީހުން ހައްޔަރުކޮށްފި
ހައްޖުގެ އަޅުކަމަށް ކުޑަތަންވެފައި ވަނިކޮށް ފޭކު ކޯވިޑް-19 ވެކްސިން ޖަހައިދީ، ސެޓްފިކެޓު ދޫކޮށް އަދި ޕީސީއާރު ޓެސްޓު ހަދައިދެމުން ދިޔަ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ މި މައްސަލައިގަ ޖުމްލަ 120 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މީހުން މަކަރާއި ހީލަތް ހަދާފައިވާ މި މައްސަލައިގަ ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ އެވެ.
މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހެލްތް މިނިސްޓްރީ ތެރެއިން މިކަމަށް އެއްބާރުންދިން ނުވަ މުވައްޒަފަކު ހިމެނެ އެވެ. ދެން ހައްޔަރު ކޮށްފައިވަނީ ސައުދީގެ ނުވަ މީހަކާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ 12 މީހެކެވެ.
އެ ހިދުމަތް ހޯދި މީހުންގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ ސައުދީގެ 76 މީހުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ 16 މީހެކެވެ. އެ ވިޔަފާރި ކުރި މީހުން ވެކްސިން ޖަހައިދޭކަން އިޝްތިހާރުކޮށްފައި ވަނީ އޮންލައިންކޮށެވެ.
މިކަން ހިނގާފައި މިވަނީ ވެކްސިން ފުރިހަމަކޮށްގެން ނޫނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭނެ ކަމަށް ސައުދީން ނިންމާފައި ވަނިކޮށެވެ. އެމީހުންނަކީ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުން ކަމެއް ނުވަތަ މައްކާ މަދީނާ ނުވަތަ މިނާ އާއި އަރަފާތު ސަރަހައްދަށް ވަންނަން އުޅުނު ބައެއް ކަމެއް އަދި ނޭނގެ އެވެ
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 60،000 މީހުން ބައިވެރިވާނެ އެވެ.