
ޔުނިސެފް ގެ ސަފީރު މެޑަމް ފަޒުނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް މިސް މަރްޖާން މޮންތަޒެމީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލިއާގޭގަ އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސް މޮންތަޒެމީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ކަމާއި ހަވާލުވެވެޑައިގެންނެވުމުން އެކަމަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ތަޢުލީމާއި، ކޮވިޑްގެ ސަބަބުން އެކުދިންނަށް ކޮށްފާނެ އަސަރުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
މިސް މޮންތަޒެމީ ވަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޔުނިސެފުން ރާވާމުންދާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ހިއްސާކުރައްވާ ފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ޔުނިސެފުން ކުރިއަށް ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އެކަމަނާގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭވެސް އެއްފަދައިން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި މިސް މޮންތަޒެމީ ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ސަބަބުން އެޅިފިޔަވަޅުތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިން ގޭގައި ތިބެންޖެހުމުން ކުޑަކުދިންނަށް ބޭރުގައި ނިކުމެއުޅުމާއި ސްކޫލަށް އަނބުރާ ދިއުމަށް ބޮޑު ހިތްނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވާ ވާކަން ފާހަގަ ކުރައްވާފަ އެވެ. ވުމާއިއެކު، މިވަގުތު ކުޑަކުދިންނަށް އެންމެ މުހިއްމުކަމަކީ ރައްކާތެރިކަމާއެކު އަލުން އަނބުރާ ސްކޫލަށް ނުކުމެވޭނެ ގޮތް މެދުވެރިވުންކަމުގައި އެބޭފުޅުން ފާހަގަ ކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ޔުނިސެފުން ރާއްޖެއަށް ކޮށްދެއްވަމުންގެންދަވާ ކަންކަން އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ދަޢުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.