
އުރީދޫ އަތޮޅު ރަން އޮގަސްޓު މަހު ބާއްވަނީ، ރެޖިސްޓްރީވުމަށް ހުޅުވާލައިފި
އުރީދޫ އަތޮޅު ދުވުން އޮގަސްޓު މަހު ބާއްވަން ނިންމާ، ރެޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ މިއަހަރުގެ ރަންގައި 5 ކިލޯމީޓަރާއި އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރ ގެ ކެޓެގަރީއަށް ރެޖިސްޓަރވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6 ޖެހުމުގެ ކުރިން ރެޖިސްޓަރވެ، މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ.
މިއީ އެކަނި އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.
އުރީދޫ އަތޮޅު ދުވުން 2021 ގައި ރެޖިސްޓަރވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް: https://atholhudhuvun.mv/ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ދުވުން ފުރަތަމަ ބާއްވާފައިވަނީ އުރީދޫގެ އަހަރީދުވަހާ ގުޅިގެން މިދިޔަ އަހަރު ކަމަށާއި ވަރޗުއަލް ރަން އެއްގޮތުގައި މި ރަން ފަރުމާކޮށްފައިމިވަނީ ޕެންޑެމިކްއާއެކު އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން ކަމަށެވެ.
“ އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިދުވުމަށް ވަރަށް ހޫނު ތަރުހީބެއްލިބިގެންދިޔަ. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުއްމީދުގައި.“ ނިޔާޒު ވިދާޅުވި އެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ އެވެ. ރެޖިސްޓަރކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން، ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެ އެވެ.
ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެ އެވެ.
މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާ ކިޔައެވެ.
މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން ”އުރީދޫ އަތޮޅު ދުވުން“ ފުރަތަމަ ފެށިގެންދިޔައީ 2020ވަނަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހައްވެރެ ގިނަ ބައިވެރިންނާއެކުއެވެ.
މި އަހަރު އެކުންފުނީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެގައި އިތުރު ފުރިހަމަކަމާއެކު މި ވަރޗުއަލް ރަން ބާއްވަން ހަމަޖެހިފައިވަނީ މިރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އިވެންޓެއްކަމުގައިވުމާއިއެކު އެވެ.