ތިން ޑެލްޓާ ވޭރިއަންޓު ކޭސް ފެނިގެން ސުނިލް ޝެޓީ ދިރިއުޅޭ އިމަރާތް އެއްކޮށް ބަންދުކޮށްފި
ބޮލީވުޑް އެކްޓަރު ސުނިލް ޝެޓީ ދިރިއުޅޭ އިމާރާތުން ކޮވިޑް-19 ޑެލްޓާ ވޭރިއަންޓު ފެނިގެން މުޅި އިމާރާތް ބަންދުކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ އިމާރާތުން ޕޮސިޓިވްވެފައިވަނީ އެންމެ ތިން މީހުންނެވެ. އެކަމަކު މުޅި އިމާރާތް ވަނީ މީހުންނަށް ވަދެ ނުނުކުމެވޭނެ ހެން ބަންދުކޮށްފައި އެވެ.
އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަނުންވެސް ވަނީ މަނާކޮށްފައި އެވެ. މިކަމެއް ހިނގި އިރު ސުނިލް ޝެޓީ އާއި އާއިލާގެ އެއްވެސް މީހަކު މުމްބާއީގައި ނެތް ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފައި އެވެ.
ތަރުޖަމާނު ބުނީ އިމާރާތުން ބަޔަކު ކޮވިޑަށް ޕޮސިޓިވްވި ނަމަވެސް ސުނިލްގެ އާއިލާ އެއްވެސް މީހަކު މިވަގުތު ތިބީ ބަލި ޖެހިފައި ނޫން ކަމަށެވެ.
ސުނިލްގެ އާއިލާ ދިރިއުޅެނީ މުމްބާއީގެ ދެކުނުގެ އަގުބޮޑު ސަރަހައްދެއްގައި އެވެ. އަދި އެމީހުން ދިރިއުޅޭ އިމާރާތަކީ މުއްސަނދިންނަށް އެކަނި ގަނެވޭ ފެންވަރުގެ އަގު ބޮޑު އެޕާޓްމެންޓުތައް ހުންނަ އިމާރާތެކެވެ.
ބެލެވޭ ގޮތުގައި މުޅި އިންޑިއާގައި ފެތުރެމުންދާ އަދި އިންޑިއާއަށް އުފަންވި ޑެލްޓާ ވޭރިއެންޓުގެ އެންމެ ތިން ކޭސް ފެނިގެން މުޅި އިމާރާތް ބަންދު ކުރީ އެތަނުގައި ދިރިއުޅޭ މުއްސަނދިންގެ އިތުބާރު ހޯދުމަށެވެ.
ސުނިލް އެންމެ އަވަހަށް ދެން ފެންނާނީ ސަންޖޭ ދަތާއި އާރް މާދަވަން ލީޑް ރޯލް ކުޅޭ ފިލްމަކުންނެވެ. އެ ފިލްމުގެ މަސައްކަތް ނުފެށި ލަސްވަނީ އިންޑިއާގެ ކޮވިޑު ހަލާތާއި ގުޅިގެންެވެ.