ރެވެނިއު ސްޓޭމްޕު ވިއްކުން މީރާ އިން ހުއްޓާލައިފި
ރެވެނިއު ސްޓޭމްޕު ވިއްކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުއްޓާލައިފި އެވެ.
އެ އޮތޯރިޓީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ އެކިއެކި ލިޔެކިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ޤާނޫނަށް ޖުލައި 11 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައުވާތީ ކަަމަށެވެ.
އެހެންކަމުން ރެވެނިއު ސްޓޭމްޕު ޖަހަން ނުޖެހޭނެ ކަމަށާއި ޖުލައި 11 އިން ފެށިގެން ރެވެނިއު ސްޓޭމްޕު ވިއްކުން ހުއްޓާލާފައިވާ ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ.
މިކަމާއިގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ނަމަ، 1415 ނަމްބަރަށް ގުޅުއްވައި ނުވަތަ 1415@mira.gov.mv އަށް މެއިލް ކުރެއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ނެވެ.
މި ގާނޫނު އުވާލަން ހުށަހެޅީ މިއީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށް ބުނެފައި ވެއެވެ. އަދި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ޚަރަދާ އަޅައިބަލާއިރު، ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ރެވެނިއު ސްޓޭމްޕްގެ ފައިސާ އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީ އާއި އެނޫންވެސް، ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަން ޖެހޭ ފީ އާއި އެހެނިހެން ފައިސާ އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ވެސް އެ ގާނޫނު އުވާލަން ހުށަހެޅި ސަބަބެއް ކަމަށް ވަނީ ބުނެފަ އެވެ.
އެ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލަން ހުށަހެޅީކަމަށެވެ.
ސަރުކާރުގެ އެކިއެކި ލިޔުންތަކާއި ސެޓްފިކެޓްތަކުގައި 50 ލާރިން ފެށިގެން 1000 ރުފިޔާއާ ހަމައަށް ރެވެނިއު ސްޓޭމްޕް އަންނަނީ ޖަހަމުން ނެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 70/4ޖ.) އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަޞްދީޤު ކުރައްވާފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.
މި ބިލަކީ، މި ހިނގާ ޖުލައި މަހުގެ 5 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ނެވެ.