ޚަބަރު ފީތާ

ރެއާލް މެޑްރިޑާއި އެކު ހޯދި ކާމިޔާބީތައް ޕީއެސްޖީއާއި އެކުވެސް ހޯދުމަށް މަސައްކަތް ކުރާނަން: ރާމޯސް

ރެއާލް މެޑްރިޑާއި އެކު ހޯދި ކާމިޔާބީތައް ޕީއެސްޖީއާއި އެކުވެސް ހޯދުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށް ދާދި ފަހުން ރެއާލް ދޫކޮށް ޕީއެސްޖީއާއި ގުޅުނު ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ރާމޯސް ބުނީ ރެއާލުން ޕީއެސްޖީއަށް ބަދަލުވުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެޅުނު އެންމެ މުހިންމު އަދި އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. އަދި ރެއާލްގައި ހޯދި ބޮޑެތި ކާމިޔާބީތައް ޕީއެސްޖީއާއި އެކުވެސް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

” ޕީއެސްޖީއަށް ބަދަލުވުމަކީ އަހަރެންގެ ފުޓްބޯޅައިގެ ކެރިއަރުގައި އެޅުނު އެންމެ ބޮޑު އަދި އެންމެ މުހިންމު ފިޔަވަޅު. ރެއާލް މެޑްރިޑުގައި ހޯދި ކާމިޔާބީތައް ޕީއެސްޖީއާއި އެކުވެސް ހޯދުމަށް މަސައްކަތް ކުރާނަން. ޕީއެސްޖީ އަކީ ޔޫރަޕުގެ ޓޮޕް ލިސްޓުގައި ހިމެނޭ މޮޅު އަދި މުސްތަޤުބަލެއް އޮތް ކުލަބެއް” ރާމޯސް ބުންޏެވެ.

ރާމޯސް އިތުރަށް ވާހަކަ ދައްކަމުން ބުނީ އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބަުން ނިމިގެން ދިޔަ ސީޒަނުގެ ބޮޑުބައެއް ކުޅުމާއި ދުރުގައި ހުންނަން ޖެހުނުު ނަމަވެސް މިހާރު އެ އަނިޔާތަކުން ރަނގަޅުވެ މުޅިން ފިޓް ކަމަށާއި ކުރީގެ ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިހާރު އުމުރުން 35 އަހަރުގެ ރާމޯސް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ މީގެ ކުރިން ރެއާލް ގައި 16 އަހަރު ހޭދަކޮށްފައެވެ. މި 16 އަހަރުގެ ތެރޭގައި ރެއާލުން ހޯދި ބޮޑެތި ގިނަ ކާމިޔާބީތަކުގެ މުގުލުގައިވެސް ހުރީ ރާމޯސްއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރާމޯސް ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރާމޯސް ރެއާލުގައި ހޭދަކުރި 16 އަހަރުގައި އެ ކުލަބަށް 671 މެޗު ވަނީ ކުޅެދީފައެވެ. އެގޮތުން 101 ލަނޑުވެސް ރެއާލްއަށް ކާމިޔާބު ކޮށްދިނެވެ.

މީގެ އިތުރުން ރާމޯސް ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ހޯދާފައެވެ.

ރާމޯސް ޕީއެސްޖީއަށް ބަދަލުވެފައިވާއިރު، އޭނާ އެކުލަބުގައި 2023 ގެ ނިޔަލަށް މަޑުކުރާނެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: