
މެސީ ބޭނުންވާ މުސާރައެއް ބާސާއަކުން ނުދެވޭނެ: ލަލީގާ ރައީސް
މެސީ ބާސާއާއި އެކު އެއްބަސްވުން އާކުރިނަމަވެސް މެސީ ބޭނުންވާ މުސާރައެއް ބާސާއަށް ދޭން ނުލިބޭނެ ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް ޒާވިއާ ޓީބާސް ބުނެފިއެވެ.
ޒާވިއާ ޓީބާސް މިހެން ބުނެފައިވަނީ ބާސާއާއި އެކު މެސީ އިތުރު ދެ އަހަރު ދުވަހުގެ އާ އެއްބަސްވުމަކަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ.
މާލީ ބޮޑު އަނދަވަޅެއްގައި އޮތް ބާސެލޯނާއިން މެސީއާއި އެކު އިތުރު ދެ އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސްވާރަތައް ކުރަމަށް ތައްޔާރުވަމުން އަންނައިރު، މިހާރު އޭނާއަކީ ފްރީ އޭޖެންޓެކެވެ. މެސީއާއެކު ބާސާ އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
މެސީއާއި ގުޅޭ ގޮތުން ލަލީގާގެ ރައީސް ޒާވިއާ ޓީބާސް އިތުރަށް ބުނެފައިވަނީ ބާސާއިން މެސީގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާ ބުނާ މުސާރައެއް ދީގެން އެކަން ވާން ނެތް ކަމަށާއި އަދި މެސީއަށް އޭނާ ބޭނުންވާ މުސާރައެއްގައި ސޮއި ހޯދޭނެ އެއްވެސް ކުލަބެއްވެސް ނޯންނާނެ ކަަމަށެވެ.
“ އަދިވެސް މެސީގެ ސޮއި ހޯދިދާނެ، އެހެން ނަމަވެސް މެސީ ބޭނުންވާ މުސާރާއެއް އޭނާއަށް ދިނުމަކީ ނުވާނެ ކަމެއް. ބާސާ އެކަންޏެއް ނޫން އެހެން ކުލަބަކަށްވެސް އެކަން ނުވާނެ“ ޒާވިއާ ޓީބާސް ބުންޏެވެ.
ބާސާއިން މެސީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަމާއި ގުޅޭގޮތުން މެސީ އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން މެސީ ބާސާގެ މި އެއްބަސްވުމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނާނީ މިހާރު ކުރިޔަށްދާ ކޮޕަ އެމެރިކާ ނިމުމަށްފަހުގައެވެ.
ނަމަވެސް ރިޕޯޓުތަކުން ބުނާ ގޮތުގައި ބާސާއިން މިހާރު ދަނީ މެސީއަށް އޭނާ ބޭނުންވާ މުސާރައެއް ދިނުމަށް ބައެއް ކުޅުންތެރިން ވިއްކާލުމަށް މަސްވަރާތައް ކުރަމުންނެވެ.
ބާސާގެ އާ ރައީސް ލަޕޯޓޭގެ ވައުދުގެ ތެރެއިން މެސީ އެ ކުލަބުގައި ބެހެއްޓުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ.