އެނަރޖީ އެފިޝެންސީ އާއި މެދު ޢާންމުންގެ ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.
ސްޓްރެންތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން ކުރިއަށް ގެންދާ މި ދިރާސާ ހެދުމަށް އެ ކުންފުންޏާއި ޙަވާލު ކުރީ ތިން މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 490,000 ދިވެހި ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މިއީ މިފަދަ ދިރާސާއެއް ރާއްޖޭގައި ހަދާ ފުރަތަމަ ފަހަރު ކަމަށާއި މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެނަރޖީ އެފިޝަންސީއަށް ހޭލުންތެރިކުރުމުގެ ކެންޕެއިނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭގޮތަށް ކުރާ މިދިރާސާގައި އެނަރޖީ އެފިޝަންސީ އާއި ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރާއި އެނަރޖީ އެފިޝަންޓް ކުރުމުގައި ދިމާވާ ދަތިތަކާއި ކަރަންޓް ސާމާނު ގަތުމުގައި މީހުންގެ ވިސްނުން ހުންނަ ގޮތުގެ މަޢުލޫމާތު އެއްކުރާނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަމީޒެވެ .
ސްޓްރެންތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.