އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާ އާގުޅުންހުރި ދާއިރާތައް ހަރުދަނާ ކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ނ. އަތޮޅާއި ގދ. އަތޮޅުގެ ސްކޫލުތަކުގެ ވަޒީފާ އާގުޅުން ހުރި ކަންކަމަށާއި ވަޒީފާއާގުޅޭ ދާއިރާގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށެވެ.
ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒު ވީޑިއޯ ކޮންފަރެންސިންގ ނިޒާމުން ގުޅާލައިގެންންނެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ނ. އަތޮޅުގެ ސްކޫލްތަކުގެ 24 މުވައްޒަފަކާއި ގދ. އަތޮޅުގެ ސްކޫލްތަކުގެ 30 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ސްކޫލްތަކުގައި ވަޒީފާއާއި ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފުންނާއި އިދާރީ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުން އަދި ސްކޫލްތަކުގެ އިސްވެރިންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާއާއި ގުޅޭ ދާއިރާ ހަރުދަނާކުރުމަށް ހިންގަމުން އަންނަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ނ. އަތޮޅާއި ގދ. އަތޮޅުގެ ސްކޫލްތަކަށް ހިންގި ތަމްރީނުތަކުގެ އިތުރަށް، މި އަހަރުގެ ތެރޭގައި މިނިސްޓްރީން ވަނީ އިތުރު 10 އަތޮޅެއްގެ ސްކޫލްތަކަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ. އަދި ބާކީ ހުރި 8 އަތޮޅުގެ ސްކޫލްތަކަށްވެސް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ތަމްރީނު ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ހާއްސަކޮށްލާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވަޒީފާއާއި ގުޅޭ ގޮތުން ހެދިފައިވާ އެންމެހާ އުސޫލުތަކާއި، ސިޔާސަތުތަކާއި އަދި ސާކިއުލާތަކަށް މުވައްޒަފުން އަހުލުވެރި ކުރުމަށާއި އަދި މަގާމުތަކަށް މީހުން ހަމަޖެއްސުމާއި، ޓީޗަރުންގެ ރޭންކް ބަދަލުކުރުމާއި، ބިދޭސީ ޓީޗަރުން، އެލަވަންސް އަދި ލީވްތައް ފަދަ މިނިސްޓްރީގެ ވަޒީފާއާއި ގުޅޭ އެންމެހާ ކަންކަމާއި ބެހޭ ގޮތުންނެވެ.
މިތަމްރީނުގެ މަގްސަދަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާ އާއި ގުޅޭ ކަންކަން އަވަސް ކުރުމަށް ސްކޫލްތަކަށް އެހީތެރިވެ ދިނުމެވެ.
މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަންނީ މުވައްޒަފުންނެވެ.