އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވި އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ އައިޝަތު ރޯޒާ ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެންބަރުކަމުން މިއަދު ވަކިކޮށްފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން ވިދާޅުވީ ރޯޒާ ވަކިކުރީ
ކުޅިވަރު ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ މެންބަރަކަށް ނުވެވޭނެ ކަމަށް ވާތީއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ރޯޒާ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުށައަޅުއްވާ ހިސާބުން ފެށިގެން އެ މެންބަރަކު ކުޅިވަރުގެ ގައުމީ މަޖިލީހުގެ ޒިންމާ އަދާ ކުރެއްވުމުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް މެދުވެރިވީ ކަމަށާއި އެހެން ކަމުން އޭނާ ވަކިކުރީ ކަމަށެވެ.
ރޯޒާ ކުޅިވަރު ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.
ރޯޒާ އަކީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އަނބިކަނބަލުންނެވެ.