ޚަބަރު ފީތާ

ޔޫރޯ 2020 ސެމީ ފައިނަލް: އިންގްލެންޑް – ޑެންމާކް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ފެށިގެން ކުރިޔަށްދާއިރު، މިރޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ޑެންމާކެވެ. ސެމީގެ ފުރަތަމަ މެޗުގެ ކުޅުން ރޭ ނިމިފައިވާއިރު، މި މެޗުގައި ބައްދަލުކުރީ އިޓަލީއާއި ސްޕެއިނެވެ. މި މެޗުން ޕެނަލްޓީގައި ސްޕެއިން ކަޓުވާލުމަށްފަހު ފައިނަލަށް ދަތުރުކޮށްފައިވަނީ އިޓަލީއެވެ.

ޑެންމާކާއި އިންގްލެންޑް މިރޭގެ ކުރިމަތިލުމަށް ނިކުންނައިރު، ޑެންމާކަކީ މި މުބާރާތުގެ ތަށި އެއްފަހަރު އުފުލާލާފައިވާ ގައުމެކެވެ. އެގައުމުން މި މުބާރާތުގެ ތަށި އުފުލާލާފައިވަނީ 1992 ވަނަ އަހަރު ސްވިޑެންގައި ބޭއްވުނު މުބާރާތުގައެވެ. އޭގެ ފަހުން އެ ގައުމަށް މި މުބާރާތް ކާމިޔާބު ކުރެވިފައި ނުވާއިރު، މިރޭގެ މެޗަށް ޑެންމާކް ނިކުންނަނީ އަލުން އެ ކާމިޔާބު ތަކުރާރު ކުރުމަށް ވަރުގަދަ އަޒުމަކާއި އެކުގައެވެ.

މިރޭ ޑެންމާކާއި ދެކޮޅަށް ނިކުންނަ އިންގްލެންޑަށް ބަލާއިރު، އެގައުމަށް މިހާތަނަށް މި މުބާރާތުގެ ތަށި އަދި އުފުލާލެވިފައެއް ނުވެއެވެ. އިންގްލެންޑަށް މި މުބާރާތުގައި އެންމެ ދުރަށްވެސް ދަތުރުކުރެވިފައިވަނީ ސެމީއާއި ހަމައަށެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައިވެސް އެގައުމު ކެޓީ ގަދަ 16 ވަނަ ބުރުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު، މެޗުގެ އެޑްވާންޓޭޖު އެންމެ ބޮޑީ އިންގްލެންޑަށެވެ. އެގައުމަށް މިރޭގެ މެޗުގެ އެޑްވާންޓޭޖު ބޮޑޭ ބުނަން ޖެހެނީ އެއީ އަމިއްލަ ގައުމުގައި މިރޭގެ މި މެޗު ކުޅޭތީއެވެ.

މި ފަހަރުގެ ޔޫރޯ މުބާރާތުގެ ސެމީގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާއިރު، ސެމީއަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ޔޫކްރޭން 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަނެއްކޮޅުން މި މުބާރާތުގެ ސެމީއަށް ޑެންމާކުން ދަތުރުކުރީ ކުއާޓާގައި ޗެކް ރިޕަބްލިކް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހުގައެވެ.

މިރޭގެ ސެމީ ފައިނަލަށް އިންގްލެންޑާއި ޑެންމާކް ނިކުންނައިރު، މި ދެޓީމަށް ވެސް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެއްވެސް އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަލައެއްވެސް ނެތުމެވެ.

މިރޭގެ މެޗަށް އިންގްލެންޑުން ޑެންމާކާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޕިކްފޯޑް، ވޯކާ، ސްޓޯންސް، މަގުއާ، ލުކް ޝޯ، ރައިސް، ފިލިޕްސް، ސާކާ، މައުންޓް، ސްޓާލިން، ކޭން.

މިރޭގެ މެޗަށް ޑެންމާކުން އިންގްލެންޑާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޕީޓާ ސްމައިކަލް، ވެސްޓާގާޑް، ކްރިސްޓެންސަން، ޖެއާ، ސްޓްރީގާ، ލާސަން، ޑިލާނޭ، ހޮއިބިއޭ، މީލް، ޑަމްސްގާޑް، ޑޯލްބާގް، ބްރެއިތްވެއިޓް.

ޑެންމާކާއި އިންގްލެންޑުގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމު މިހާތަނަށް 21 ފަހަރު ބައްދަލުކޮށްފައިވާއިރު، މީގެ ތެރެއިން އިންގްލެންޑް ވަނީ 12 ފަހަރު މޮޅުވެފައެވެ. ޑެންމާކަށް މޮޅުވެވިފައިވަނީ އެންމެ ހަތަރު ފަހަރުގައެވެ. ފަސްމެޗުން ވަނީ އެއްވަރުވެފައެވެ.

އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: