ޚަބަރު ފީތާ

ކާބުލްގައި ހުންނަ އެންމެ ބޮޑު ބޭސް ދޫކޮށް އެމެރިކާ ސިފައިން ދިޔަކަށް އަފްގާނަށް އެނގުނީ 2 ގަޑިއިރު ފަހުން

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމެރިކާ އަސްކަރިއްޔާއިން އެންމެ ބޮޑު ބޭސް ހިންގި ބަގްރަމް ދޫކޮށް ދިޔައިރު އަފްގާން އަސްކަރިއްޔާއަށް އަންގާފައި ނުވާތީ ހިތްހަމަ ނުޖެހިއްޖެ އެވެ.

އެމެރިކާ ސިފައިން 20 އަހަރު ފަހުން އެ ބޭސް ދޫކޮށް ދިޔައީ އާދިއްތަ ދުވަހުގެެ ރޭގެ ވަގުތެއްގައި ކަރަންޓުވެސް ކަނޑާލާފައި އެވެ. އެތަން ހުސްކޮށް އެމެރިކާ ސިފައިން ފުރިކަން އަފްގާންގެ އާ އަސްކަރީ ކޮމާންޑަރަށް އެނގުނީ އޭގެ ދެ ގަޑިއިރު ފަހުންނެވެ.

އެވެސް ތުންތުން މަތިން ދެކެވުނު ވާހަކަތެއް ކަމަށާއި އެކަން ޔަގީންވީ އިއްޔެ ހެނދުނު 7:00 ގައި ކަމަށް ބުނެފައިވެ އެވެ.

އެ ބޭސްއަކީ އެމެރިކާ ސިފައިން އަފްގާންގައި ބޭނުން ކުރި އެންމެ ބޮޑު ވައިގެ މަރުކަޒެވެ. އެތަން ދޫކޮށް އެމެރިކާ ސިފައިން ދިއުމުން އިއްޔެ އަފްގާން ސިފައިން ވަނީ އެތަނުގެ ފުރިހަމަ ކޮންޓްރޯލް ނަގާފަ އެވެ.

އަދި އަފްގާން އާއި ބައިނަލްއަގުވާމީ މީޑިއާއަށް އެ ބޭސްއެއް ކޮށް ދައްކާލާފައިވެ އެވެ. އާންމުވެފައިވާ ފޮޓޯތަކުން އެތަނުގެ ހައިބަތާއި އާލާތްތަކާއި އެމެރިކާ އަސްކަރިއްޔާގެ ވަރުގަދަކަން ފެނިގެންދެ އެވެ.

އެމެރިކާއިން ދިޔައީ އެހުރިހާ އެއްޗެއް ދޫކޮށްލުމަށް ފަހު އެވެ.

އެމެރިކާ ސިފައިން އަފްގާން ދޫކޮށް ދަނީ އަލްގައިދާގެ ބާރު އެ ގައުމުގައި ގަދަ ކުރިޔަ ނުދިނުމަށް ތޯލިބާނުން އެއްބަސްވުމުންނެވެ. އަފްގާންގައި އެމެރިކާ ސިފައިން ހިނގަމުންދާ އޮޕަރޭޝަންތައް ހުއްޓާލައި ފުރަން ފެށުމާއި އެކު ތޯލިބާނުން ވަނީ ބޮޑެތި ޕްރޮވިންސްތައް ހިފުމުގެ މަސައްކަތް ފަށައި އެގައުމުގެ އަސްކަރިއްޔާއާއި ހަނގުރާމަ ކުރަން ފަށާފައި އެވެ.

އެކަމާއި ގުޅިގެން ތޯލިބާނުން ބުނީ އެމެރިކާ އާއި އެކު ވި އެއްބަސްވުމުގައި އަފްގާން އަސްކަރިއްޔާއަށް ހަމަލާ ނުދޭނެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry