ރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު: ރައީސް މައުމޫން
ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ‘އާސްކް ސްޕީކަރ’ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ނެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީނިޒާމު ކަމަށެވެ. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް ކަމަށާއި ވަރަށްސާފު ކަމަށެވެ.
ދިވެހިރާއްޖޭގެޙާލަތާއެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެނިޒާމަކީ ރިޔާސީނިޒާމު. ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުންނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު. ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު.
— Maumoon Abdul Gayoom (@maumoonagayoom) July 6, 2021
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ރޭ ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.
އެގޮތުން އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުގެ ވާހަކަ، ރައީސް ނަޝީދު އައު ކުރެއްވި އިރު، މީގެ ކުރިން އެތައް ހަފްލާއެއްގައި އެމަނިކުފާނު އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުން ނެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުން ނެވެ.