އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްއަށް، ރައީސް ސޯލިހުގެ ތަހުނިޔާ!

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވިވަޑައިގަންނަވާފައިވާ، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާ ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވެފަ އެވެ.

އިޝްތިހާރު Below Header ad

ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެފުރުޞަތު ދެއްވައި އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންކަމުގަ އެވެ.

މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް އެމަނިކުފާނު މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.