ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 45 މީހުން މަރުވެއްޖެ
ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 45 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ފަރުބަދަ މަތީ ރަށެއް ކަމަށްވާ ޖޯލޯ އައިލެންޑުގައި އެވެ. އެ ބޯޓު ވެއްޓުނު އިރު ދަތުރު ކުރަމުން ދިޔައީ 90 މީހުން ގޮވައިގެންނެވެ.
މަތިންދާ ބޯޓު ވެއްޓުނީ ރަންވޭއަށް ޖައްސަން އުޅެ ނުޖެއްސުމުން މައްޗަށް އަރަން އުޅުމުގެ ތެރޭގައި ރަނގަޅަށް ހަމަޖެހި ނުލިވެިގެން އުޅެނިކޮށް ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ބޯޓު ވެއްޓިފައިވަނީ މީހުން އުޅޭ ސަރަހައްދެއްގެ ކައިރީގައި އޮތް ގަސްބޯ ތަނަކަށެވެ.
މި ހާދިސާގައި މަތިންދާ ބޯޓުން ދަތުރު ކުރި 45 ސިފައިން މަރުވެ ފަސް މީހުން ވަނީ ގެއްލިފައި އެވެ. އަދި އެ ބޯޓު ވެއްޓުނު ސަރަހައްދުގައި އުޅުނު އާންމުންގެ ތިން މީހަކުވެސް މަތިންދާ ބޯޓުގެ ދަށުވެ މަރުވެފައިވެ އެވެ.
މަންޒަރު ދުށް މީހުން ބުނެފައިވަނީ ބޯޓު ވެއްޓުނީ ބާރު އަޑެއް އިވުމަށް ފަހު ކަޅު ދުންތަކެއް ވައިގެ ތެރެއަށް ދޫކޮށްލުމަށް ފަހުއެވެ. އަދި ބޯޓު ވެއްޓެމުން ދިޔަ އިރު ސަލާމަތްވާން ބައެއް ސިފައިން މަތިންދާ ބޯޓުން ފުންމާލިތަން ފެނުނު ކަމަށް ބުނެ އެވެ.
އެކަމާއި ގުޅިގެން ފިލިޕިންސް އަސްކަރިއްޔާއިން ބުނީ އެ ސިފައިން މަތިންދާ ބޯޓުން ފުންމާލި ގޮތެއް އަދި ސާފު ނުވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ސަލާމަތްވީ ކިތަން ސިފައިން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މި ހާދިސާގައި ބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ ބޯޓު ވެއްޓި ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއިން ސަލާމަތް ކޮށްފައި އެވެ. އެމީހުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ މަތިންދާ ބޯޓުން ދަތުރު ކުރި ސިފައިން އެ ރަށަށް ދިޔައީ ފިލިޕިންސްގެ ދެކުނުގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ގްރޫޕެއް ކަމަށްވާ އަބޫ ސައްޔަފް ގްރޫޕާއި ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގުމަށެވެ. އެހެންވެ ބައެއް ފަރާތްތަކުން ވަނީ އެ ގްރޫޕުން ހަމަލާދީ ބޯޓު ވައްޓާލީ ކަމަށް ތުހުމަތުކޮށްފައި އެވެ.
އެކަމާއި ގުޅޭގޮތުން ފިލިޕިންސް އަސްކަރިއްޔާއިން ބުނީ ބޯޓަށް ހަމަލާއެއް ދިނުމުގެ ސަބަބުން ވެއްޓުނު ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.