
ޔޫރޯ 2020 ކުއާޓާ ފައިނަލް: އިންގްލެންޑް – ޔޫކްރެއިން
ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިރޭ ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރާއިރު، މި މެޗަކީ ފޯރިގަދަ ރީތި ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވެގެންދާނެއެވެ. ވަރުގަދަ ކުރިމަތިލުމަކަށް ދެޓީމުވެސް މިރޭ ނިކުންނައިރު، މި ދެތީމަކީވެސް ޔޫރޯގެ ތާރީޚުގައި މާބޮޑު ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ދެ ޓީމެއް ނޫނެވެ. އެގޮތުން މިހާތަނަށް މި މުބާރާތުގެ ތައްޓެއް މިއިން އެއްވެސްޓީމަކަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަކީ ދެޓީމުގެވެސް އެންމެ ބޮޑު އުންމީދަކަށް ވާނެއެވެ.
މިފަހަރުގެ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލަށް އިންގްލެންޑް އާއި ޔޫކްރެއިން ދަތުރުކުރި ގޮތަށް ބަލާއިރު، ޔޫކްރެއިން މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ސްވިޑެންއާއި ބައަދްދަލުކޮށް އިތުރު ވަގުތު ކުޅެ 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތަުރުކުރީ ވަރުގަދަ ޖަރުމަން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
މިރޭ އިންގްލެންޑް އަދި ޔޫކްރެއިން ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗަށް ބަލާއިރު މިއީ މި ދެޓީމު ޔޫރޯ މުބާރާތުގައި ކުއާޓާ ފައިނަލުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫކްރެއިން ޔޫރޯ މުބާރާތެއްގެ ކުއާޓާ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި އިންގްލެންޑް ކުއާޓާ ފައިނަލް ކުޅޭ ފަސްވަނަ ފަހަރެވެ.
އިންގްލެންޑަށް މިރޭގެ މެޗަށް ނިކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށްތިބުމެވެ. ނަމަވެސް ޔޫކްރެއިން ޓީމަށް ބަލާއިރު އެޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅެއެވެ. އެގޮތުން އެޓީމުގެ އާޓެމް ބެސެޑިން އާއި ޑެނީސް ޕޮޕޯފްއަށް ވަނީ އަނިޔާވެ މިރޭގެ މެޗުގައި ނުކުޅެވޭނެއިރު، އެލެކްސަންޑަރ ޒުބްކޯފްއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ މިރޭ އިންގްލެންޑާއި ދެކޮލަށް ކުޅެވިދާނެ ކަމާއި މެދު ވަނީ ސުވާލުއުފެދިފައެވެ.
މިރޭ ޔޫކްރެއިންއާއި ދެކޮޅަށް އިންގްލެންޑުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލް ކީޕަރ ޕިކްފޯޑް، ވޯކާ، ސްޓޯންސް، މަގުއާ، ޓްރިޕިއާ، ރައީސް، ހެންޑަސަން، ލުކް ޝޯ، މައުންޓް، ކޭން، ސްޓާލިން.
މިރޭ އިންގްލެންޑާއި ދެކޮޅަށް ޔޫކްރެއިނުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ކީޕަރ ޖިއޯޖީ ބުޝްޗާން، އިލިއާ ޒަބަރްނީޔީ، ސޭހީ ކްރިސްޓްސޯފް، މިކޯލާ މަޓްވިއެޔެންކޯ، އޮލެކްސަންޑަ ކަރަވާއޭވް، ސޭހީ ސިޔޯޑޯޗުކް، މިކޯލާ ޝަޕަރެންކޯ، ޓަރާސް ސްޓެޕަނެންކޯ، ޒިންޗެންކޯ، ޔަމަލެންކޯ، ޔަރެމްޗުކް.
އިންގްލެންޑް އާއި ޔޫކްރެއިންގެ ތާރީޚީ ކުރިމަތިލުންތައް
މި ދެޓީމު މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ފަހަރު އިންގްލެންޑް މޮޅުވިއިރު، ޔޫކްރެއިން މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. ދެމެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2013 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެމެޗު ވަނީ 0-0 އިން އެއްވަރުވެފައެވެ.
އިންގްލެންޑް އާއި ޔޫކްރެއިން ބައްދަލުކުރާ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުގައެވެ.