
ވަކި މުއްދަތެއް ނެތް ގޮތަށް ރ. މީދޫ ފުރަބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި
ކޮވިޑް-19 ގެ ކޭސްތަކެއް ދެވަނަ ފަހަރަށް ފެނުމާއިގުޅިގެން ރ. މީދޫ ވަކި މުއްދަތެއް ނެތް ގޮތަށް ފުރަބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.
އެރަށު ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ރަށް ފުރަބަންދު ކޮށް، ވިޔަފާރިތަކުގެ ޚިދުމަތް ލިބޭނީ ހަމައެކަނި ޑެލިވަރީ މެދުވެރިކޮށް ކަމަށެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ބޭރަށްދާން ޖެހިއްޖެނަމަ ފުލުހުންގެ ނަމްބަރު 9790398 އަށް ގުޅާ ހުއްދަ ހޯދުމަށާއި ރޭގަނޑު 9 އިން ފަތިހު 4 އަށް ހުއްދަ ލިބޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މަސްވެރިކަމާއި، އާމްދަނީ ހޯދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ކައުންސިލުގެ ހޮޓްލައިން ނަމްބަރު 7535234 އަށް ގުޅާ ހުއްދަ ހޯދުމަށާއި އިސްލާމިކް މިނިސްޓްރީން ލަފާދީފައިވާ ގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް ވަނީ އަންގާފަ އެވެ.
ކައުންސިލުން ބުނީ މިސްކިތަށް ދާންވާނީ މާސްކް އަޅައިގެން މުސައްލަ ހިފައިގެން ކަމަށާއި ޖަމާއަތް ނޫން ގަޑިއެއްގައި މިސްކިތަށް ދާނަމަ، ދާންވަނީ ފުލުހުންގެ ނަމްބަރު 9790398 ގުޅާ މެސެޖް ލިބުމުން ކަމަށެވެ.
އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރީ އިތުރު ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ނެވެ.
އެގޮތުން ފްލޫ ސާމްޕަލްގެ ގޮތުގައި ނެގުނު 4 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާއި ޕޮޒިޓިވްވެ، ގާތުން ބައްދަލުވި 5 މީހަކާއި ފްލޫ ސާމްޕަލްގެ ގޮތުގައި ނެގި އެކަކުގެ ސާމްޕަލް އަނެއްކާ ވެސް އިއްޔެ ޕޮޒިޓިވް ވެފައިވާ ކަމަށް މީދޫ ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.