ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން މީޑިއާގެ ޢަމަލުތައް ބަހައްޓާ: މިނިސްޓްރީ
ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން މީޑިއާގެ ޢަމަލުތައް ބެހެއްޓުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިވަޑައިގެންފި އެވެ.
އެ މިނިސްޓްރީން މިގޮތަށް އެދިވަޑައިގެންނެވީ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ވަނީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް “ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961” ގައި ކަނޑައެޅިފައިވާކަމަށް ބުނެފައި ވެއެވެ.
އެގޮތުން “ރިސީވިންގ ސްޓޭޓް”ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެ އެވެ.
ވީމާ، އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު ނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މިނިސްޓްރީން ދެކޭކަމަށްވެސް ބަޔާނުގައި ވެއެވެ.