
ޤަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކު: ޚުތުބާ
ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށެވެ.
”މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެ. މާތް ﷲ އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް، އީމާންވެ، ޢަޤީދާ ވަރުގަދަކޮށްފި މީހާގެ، ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެ.“ ޚުތުބާގައި ބުނެފައި ވެއެވެ.
މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، މާތް ﷲގެ އިރާދަފުޅުގެ މަތިންކަމާއި، އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތް ﷲގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެކަންވެސް ޚުޠުބާގައި ވަނީ ހަންދާންކޮށްދީފަ އެވެ.
މީގެ އިތުރުން ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
”މާތް ﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެ. ހެޔޮކަންތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެ. އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ޙަރާމްކަންތައް ޙަރާމްކަމުގައި ބަލައިގަންނަން ޖެހޭނެ. ޙަލާލުކަންތައް ޙަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެ.“ ޚުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ޚުޠުބާގައިވަނީ، މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައިމިވާ ނުރައްކާތެރި ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުންކަމަށް ބުނެފަ އެވެ.
އީމާންކަމާއި، ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފި ނަމަ، ދުނިޔެމަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިޙްސާސް ނުކުރެވޭނެ ކަމަށާއި އާޚިރަތުގައި ކެތްތެރިންނަށް މާތް ﷲ މިންވަރުކުއްވާފައިވާ ދަރުމަ އާއި، ޘަވާބު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވެއެވެ.