
ޔޫރަޕްގެ ގައުމުތަކަށް ކޮވިޑްގެ އިތުރު ރާޅެއް އަރާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި
ޔޫރަޕްގެ ގައުމުތަކުގައި މިހާރު ކޮވިޑު ކޭސްތައް އިތުރުވަމުންދާ ދިއުމަކީ އިތުރު ރާޅެއް އަރާކަމުގެ ނިޝާން ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފި އެވެ.
އެ ޖަމިއްޔާއިން ބުނީ ޔޫރަޕްގެ ގައުމުތަކުގައި ރައްޔިތުން ކަނޑައަޅާފައިވާ ގަވައިދުތަކަށް އިހުތިރާމު ނުކުރާ ނަމަ ތިންވަނަ ރާޅުގެ ބިރުވެރިކަން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު މިދިޔަ ހަފްތާއެއްހާ ދުވަހު 10 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ގައިދުރުކަން ނުބެހެއްޓުމާއި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ބާއްވާ ބޮޑެތި އެއްވުންތަކުގެ ސަބަބުން ކަމަށެވެ. އަދި މާގިނައިން ދަތުރުފަތުރު ކުރުމަކީ ގައުމުތަކުގައި ކޭސްތައް އިތުރުވަމުންދާ ސަބަބު ކަމަށެވެ.
އަދި މިފަދަ ހަރަކާތްތައް އިތުރުވަމުން ދާއިރު ޔޫރަޕްގައި ހަލުވިކަމާއި އެކު ކޮވިޑުގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ވެކްސިންތައް މަސައްކަތް ކުރާ ކަމަށާއި އެކަމަކު ދެ ޑޯޒު ޖެހެންދެން ކެތްތެރިވެގެން ތިބެގެން ނޫނީ މާބޮޑު ރައްކާތެރި ކަމެއް ނެތް ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑު ފެތުރުން އިތުރުވެފައިވާއިރު ބޮޑެތި ލުއިތައް ދިނުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ފްރާންސް ފަދަ ގައުމުތަކުގައި އާންމު ތަންތަނުގައި މާސްކު އެޅުން ވަނީ ހުއްދަ ކޮށްފައި އެވެ.