ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތު ރައީސް އާ ހިއްސާކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްދުށި ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ.
އޮންލައިން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޚާއްޞަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މޭޔަރ ވަނީ އެސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ.
ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުން ނެވެ. އަދި ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައި ވެއެވެ.
މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމާއި ޚިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ޞިއްޙީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ޓަރޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ އަށް ހުޅުވާލުމުގެ މަރުޙަލާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފަ އެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސްއަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭގޮތަށެވެ.
މި ކަންކަމުގެ އިތުރުންވެސް ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ގިނަދުވަސްވެ، ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައްސަލައަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ. އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއަރޕޯޓު ހިމެނޭ ސަރަޙައްދުގެ ސީވޯލްގެ މަސައްކަތާއި ލައިޓް ހަރުކުރުމާއި އަދިވެސް އެއަރޕޯޓާއި ގުޅިގެން ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ސިޓީ ކައުންސިލަށް މުވައްޒަފުންގެ ދަތިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެކަމަށާއި ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.